ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ދެމަފިރިން ޖޭޕީއަށް

ދިވެހި ފިލްމީ ފަންނާނުންގެ ތެރެއިން، މަޝްހޫރު ދެމަފިރިންކަމުގައިވާ އަހުމަދު ސައީދާއި، ފާތިމަތު އާޒިފާ (އަޒޫ)، ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ސައީދާއި އަޒޫ ސޮއިކުރެެއްވީ މިކަމަށްޓަކައި ޖުމްހޫރީ ޕާޓީގެ އޮފީސް މ.ކުނޫޒުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.
ސައީދާއި އަޒޫގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދެވެ. މި ހަފުލާގައި ޖޭޕީގެ ކައުންސިލްގެ ގިނަ އަދަދެއްގެ މެންބަރުންނާއި ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ބައެއް މެންބަރުންވެސް ހިމެނިވަޑައިގެންނެވިއެވެ.
އަހުމަދު ސައީދަކީ ރާއްޖެ ދުށް އެންމެ މޮޅު އެކްޓަރުންގެ ތެރެއިން އެއް އެކްޓަރެވެ. ފިލްމީ ފަންނާނުންގެ ތެރެއިން ޑިސިޕްލިން ރަނގަޅުކަމާއެކު އެންމެންގެ ގަދަރާއި އިހުތިރާމް ލިބިފައިވާ ފަންނާނެކެވެ. އެކްޓްކުރުމުގެ އިތުރަށް ސައީދަކީ ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެކެވެ.
ސައީދުގެ އަންހެނުން އާޒިފާއަކީވެސް މަޝްހޫރު އެކްޓްރެސްއެކެވެ. ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު އަހުމަދު ސައީދު މީޑިއާއަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ސައީދުގެ އެންމެ ބޮޑު ބޭނުމަކީ ވީޑިއޯގެ ޒަރީޔާއިން، އޮނަރަބަލް ގާސިމް އިބްރާހީމަކީ ކޮން ބޭފުޅެއްކަން ދިވެހި ރައްޔިތުންނަށް ކިޔައިދީ އަންގައިދިނުން ކަމުގައެވެ.
ޖުމްހޫރީ ޕާޓީ އިޚުތިޔާރުކުރި ސަބަބަކީ އެޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަކީ ދެގޮތެއްނުވެ ދިވެހި ރައްޔިތުންނަށްޓަކައި އަމިއްލަފުޅު ގޮތުންވެސް އެންމެ ގިނަގުނަ ޚިދުމަތްތައް ކޮށްދެއްވަމުން ގެންދަވާ ލީޑަރުކަން ވަރަށް ގާތުންނާއި ދުރުން ފެނި ޔަގީންވުމުންކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މަޝްހޫރު ފަރާތްތަކެއް ޖުމްހޫރީ ޕާޓީއަށް ގުޅިފައިވާއިރު، އެޕާޓީގެ މެމްބަރުން އިސްނަގައިގެން އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށާއި، ޕާޓީގެ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތްވެސް ފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ފަށާފައެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ ބަޔަކު ވަނީ އެޕާޓީއާ ގުޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ