އެމްއާރްއެމް ވަނީ ރައީސް ސާލިހްގެ ސަރުކާރާއެކު: ރައީސް މައުމޫން

ދިވެހިރާއްޖޭގެ ހެވާއި ލާބައަށްޓަކައި އެމްއާރްއެމް އަބަދުވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއެކު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ރައީސް ސާލިހް އިއްވެވި ރިޔާސީ ބަޔާނާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވަނީ ރައީސް ސާލިހް އިއްވެވި ރިޔާސީ ބަޔާނަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ ހެވާއި ލާބައަށްޓަކައި ސަރުކާރުގެ ކޯލިޝަން ޕާޓީއެއްގެ ގޮތުން އެމްއާރުއެމްއިން އަބަދުވެސް ސަރުކާރުގެ ފަހަތުގައި އޮންނާނެކަމަށް ވިދާޅުވެފައެވެ.
މި ޓްވީޓާއި ގުޅިގެން ބައެއް އާންމުންގެ ފާޑުކިޔުން ވަނީ މިހާރުވެސް އެމަނިކުފާނަށް އަމާޒުވެފައެވެ.
ރައީސް މައުމޫން މި މޭރުމުން ޓްވީޓްކުރައްވާފައި މިވަނީ، ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުން ފާޅުކަންބޮޑު ގޮތެއްގައި ކެމްޕެއިން ކުރަމުން ދަނިކޮށް އެމްއާރްއެމުން އެކަމަށް ފާޑުކިޔައި ބަޔާނެއް ނެރުމަށްފަހުއެވެ.
އެމްއާރްއެމުން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރާކަން ނުވަތަ ނޫންކަން ސީދާ ހާމަކޮށްފައި ނުވި ނަމަވެސް، އެ ބަޔާނުގައި ބުނެފައިވަނީ އެކި ޕާޓީތަކުން ފޯރިއާއެކު ކެމްޕެއިން ކުރަމުންދާއިރު، ގާނޫނުތަކާއި ގަވާއިދުތަކަށް ފުށުއަރާ ގިނަ ކަންކަން ފެންމަތިވަމުންދާ ކަމަށެވެ.
އެކަމާ ގުޅިގެން ސަރުކާރު ކޯލިޝަނުގެ މެދުގައި ޚިޔާލުތަފާތުވުމާއި ބައިބައިވުން އުފެދިފައިވާކަމުގެ އަޑުތަކެއްވެސް އިވިގެން ދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ