ނަޝީދުގެ މައްސަލަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް އަންނަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛާ ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ހިސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ކުރިއަށް ދަނީ މައްސަލައާއި ގުޅުން ހުރި ލިޔުންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އަދި އުންމީދު ކުރައްވަނީ ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތައް މައްސަލައަށް ޝަރުޢީ ހައްލެއް އިސްތިއުނާފު މަރުހަލާގައި ލިބިގެންދާނެ ކަމަށް ކަމުގައި ވެސް ހިސާން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މައްސަލަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހިސާން މިރޭ ވިދާޅުވިއިރު މިއަދު ހަވީރު ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ލިޔުންތައް ރައީސް ނަޝީދާއި ހަވާލުކުރަން ކަރެކްޝަނަލް ސާވިސް އިން ހުރަސް އަޅަމުން ގެންދަވާ ކަމަށެވެ. އެހެންވެ ލިޔުންތައް ރައީސް ނަޝީދާއި ހަވާލު ނުކުރެވޭ ކަމަށް ވަކީލުން މިއަދު ހަވީރު ވިދާޅުވިއެވެ.
އެހެން ނަމަވެސް މިއަދު ހަވީރު ރައީސް ނަޝީދު އާއި ބައްދަލުކުރައްވަން ވަޑައިގަންނަވާނީ ލިޔުންތައް ހިތްޕަވައިގެން ކަމަށާއި މިއަދު ލިޔުންތައް ހަވާލު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަކީލުން އިން ވިދާޅުވިއެވެ.
އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ ރައީސް ނަޝީދު އަށް ލިޔުންތައް ހަވާލުކޮށް އެމަނިކުފާނު އެލިޔުންތައް މިހާރު ވިދާޅުވެފައިވާތީ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.
މިރޭ ކަރެކްޝަނަލް ސާވިސް އިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ގައިދީންނާއި ވަކީލުން ބައްދަލުކުރާ ވަގުތުގައި ގައިދީ ލައްވާ ފުރަންޖެހޭ ފޯމްތައް ފުރުމާއި ސޮއި ކުރަންޖެހޭ ލިޔެކިޔުންތަކުގައި ސޮއި ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ