ބާތިލް ކުރި އަބްދުﷲ ޖިހާދުގެ މައްސަަލަ ޕީޖީން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ދުބާއީއަށް ފުރާވަޑައިގަތުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި ޓުވީޓެއްގައި ބުނީ ޖިހާދުގެ މައްސަލަ އިސްތިއުނާފް ކުރީ ހައިކޯޓުގެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭތީ ކަމަށެވެ.
ޖިހާދު ފުރުން މަނާކުރި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގެ ހުކުމް އިއްވައި އިއްޔެ ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކޮށްފައެވެ. ހައި ކޯޓުން ބުނެފައި ވަނީ އެ އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި ޖިހާދު ފުރައިގެން ވަޑައިގަންނަވަން އުޅޭ ކަމަށް ލިބިފައިވާ ހެއްކަކީ އޭނާ ފުރައިގެން ދިއުމުގެ ހުއްދައަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމާ އެކު ހުށަހަޅާފައިވާ ޓިކެޓު ކަމަށް ދައުލަތުން ވަނީ ހައި ކޯޓުގައި ބުނެފައެވެ. ނަމަވެސް ކުށެއްގެ ތުހުމަތުވާ މީހަކު ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތާއި އެއްގޮތަށް ރާއްޖެއިން ބޭރަށް ފުރަން އެދި ހުށަހަޅާ ޓިކެޓަކީ އޭނާއާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް ހައި ކޯޓުން ބުނެއެވެ.
ޕީޖީ އިން ޖިހާދުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމަށް ބުނެއެވެ. މި މައްސަލައަކީ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއާ ބެހޭ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ.
އެ މައްސަލާގައި ދައުވާކޮށް ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދިނުމަށް ޖިހާދު އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ނިންމީ އެ ހުއްދަ ނުދިނުމަށެވެ. ކްރިމިނަލް ކޯޓުން އެ ހުއްދަ ނުދިނުމަށް ނިންމާފައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ބަލާއިރު އޭނާ ފިއްލަވާފާނެ ކަމުގެ އިހުތިމާލު އޮތުމުން ކަމަށް ބުނެއެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިމަހު 20 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މިހާރު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ