އަލީ ވަހީދާއި އިމްރާންގެ ބަންދުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރި ކުރުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން މިއަދު ބަލައިގެންފި އެވެ. މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން އަލީ ވަހީދާއި އިމްރާން ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އެ ދެ ބޭފުޅުންގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ. އެ މައްސަލަ އެ ދެ ބޭފުޅުން ވެސް ވަނީ އިސްތިއުނާފަށް ހުށަހަޅުއްވާފަ އެވެ. އެ ދެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފައި ވަނީ، އެ ކޯޓުގެ ވެބްސައިޓުގައިވާ ގޮތުން، މިއަދެވެ. އަލީ ވަހީދާއި އިމްރާނާ އެކު، މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށްފައި ހުރި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން 15 ދުވަހަށް އިތުރުކުރި މައްސަލަ ވެސް އޭނާ ވަނީ އިސްތިއުނާފަށް ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް، އެ މައްސަލައާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ސަރުކާރުގެ "އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ އަދާލަތު ޕާޓީން އިސް ނަގައިގެން ބޭއްވި ބޮޑު މުޒާހަރާ އިން ހައްޔަރުކުރި 193 މީހުންގެ ތެރެއިން 175 މީހެއްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އެ އެންމެންގެ ބަންދުގެ މައްސަލަ ވެސް ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އެމްޑީޕީން ވަނީ އިއްޔެ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ