އެމެރިކާ އިން ސީރިއާ އަށް އެރުމުގެ މާނައެއް ނެތް: އޮބާމާ

ސޭން ޖޯސޭ (މެއި 5) - ސީރިއާގެ ދާޚީލީ ހަނގުރާމައިގެ ތެރެއިން އެމެރިކާ ސިފައިން އެގައުމަށް އެރުމުގެ މާނައެއް ނެތް ކަމަށާއި އެފަދަ ފިޔަވަޅެއް އެޅުއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ. ކޮސްޓަ ރިކާ އަށް ވަޑައިގެން ސީރިއާގެ ދާޚިލީ ހަނގުރާމައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޮބާމާ އިއްޔެ ވިދާޅުވީ ސީރިއާގެ މިހާރުގެ ހާލަތަށް ބަލާއިރު އެގައުމަށް އެމެރިކާގެ ލަޝްކަރެއް ފޮނުވައިގެން މައްސަލަ ހައްލުކުރުމުގެ ބޭނުމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ހާލަތަކީ ބަދަލުވާ އެއްޗެއް ކަމަށާއި އެހެންކަމުން މި މައްސަލައާ މެދު ޖުމްލަކޮށް ވަކި ގޮތެއް ނިންމުން ފަހަރެއްގައި އަދި މާ އަވަސް ވެދާނެ ކަމަށެވެ. އޮބާމާ ވިދާޅުވީ ސީރިއާ އަށް ސިފައިން ފޮނުވުމުގެ ވިސްނުމެއް އޭނާގެ ސަރުކާރުން މިހާރު ނުގެންގުޅޭއިރު އެފަދަ ފިޔަވަޅަކުން އެމެރިކާ އަށް އަދި ސީރިއާ އަށް ވެސް ކުރާނެ ފައިދާއެއް ނެތް ކަމަށެވެ. އޮބާމާ މި މޭރުމުން ވާހަކަ ދައްކަވާފައިވީ ނަމަވެސް ސީރިއާގެ ހަނގުރާމަވެރިންނަށް ފެންވަރު ރަނގަޅު ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާ އިން ވިސްނަމުން އަންނަ ކަމުގެ ރިޕޯޓް ވަނީ ފެތުރިފަ އެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ބޭނުންކުރުމަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަށް އިދިކޮޅު ހަނގުރާމަވެރިން އެމެރިކާގައި އެދެމުން ދިޔަ ނަމަވެސް އޮބާމާގެ ސަރުކާރުން މިހާތަނަށް އެ ފަރާތްތަކަށް ދީފައި ވަނީ ބީރު ކަންފަތެކެވެ. ނަމަވެސް ބައްޝާރުގެ ސަރުކާރުން އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރަމުންދާ ކަމުގެ ރިޕޯޓް ފެތުރުމާ އެކު އެމެރިކާ އިން ދަނީ ހަރުކަށި ސިޔާސަތަކަށް ޖެހެމުންނެވެ. އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމަށް ދެކެވޭ ވާހަކަ ސީރިއާގެ ސަރުކާރުން ދޮގުކުރެ އެވެ. އޮބާމާ ވިދާޅުވެފައި ވަނީ އެކަން ސާބިތުވެއްޖެ ނަމަ ސީރިއާގެ ހަނގުރާމައިގެ މުޅި މަންޒަރު ބަދަލުވެގެންދާނެ ކަމަށެވެ. ސީރިއާގެ ދާޚީލީ ހަނގުރާމާގައި މިހާތަނަށް 70،0000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދ. އިން ލަފާކުރެ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ