ގްރާންޓް ތޯންޓަން އަށް 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނީ ތަހުގީގު ހުއްޓާލުމުން: ޑރ. ޝަހީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތްތައް ތަހުގީގުކުރަން ހަވާލުކުރި ބޭރުގެ ކުންފުނި ގްރާންޓް ތޯންޓަން އަށް 10 މިލިއަން ޑޮލަރު ( 154 މިލިއަން ރުފިޔާ) ދައްކަން ޖެހޭ ނަމަ އެއީ މިހާރުގެ ސަރުކާރުން އެ ތަހުގީގު ހުއްޓާލުމުން ދައްކަންޖެހޭ ޖޫރިމަނާއެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ފަހުގެ ހަބަރަށް ރޭ ޑރ. ޝަހީދު ދެއްވި އިންޓަވިއުގައި ވިދާޅުވީ ގްރާންޓް ތޯންޓަންއާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާއިމުކުރި އެއްބަސްވުމުގައި އެ ކުންފުނީގެ މަސައްކަތަށާއި އެ މީހުންގެ ވަގުތަށް އުޖޫރައެއް ދޭން ނޯންނާނެ ކަމަށެވެ. ޝަހީދު ވިދާޅުވީ އެއްބަސްވެފައި ވަނީ އެ ކުންފުނިން ހޯދާ ފައިސާއިން ވަކި ޕަސެންޓެން ދޭ ގޮތަށް ކަމަށް ކަމަށެވެ. ނަމަވެސް ތަހުގީގުކުރުމަށް ހިނގާ ހަރަދުތައް ސަރުކާރުން ދޭން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އެ މީހުން ކުރި މަސައްކަތަކަށް އިންވޮއިސް އެއް ނާންނާނެ،" ރާއްޖޭން ބޭރުގައި ހުންނަވައި ފޯނުން ދެއްވި އިންޓަވިއުގައި ޝަހީދު ވިދާޅުވި އެވެ. ގްރާންޓް ތޯންޓަންގެ ތަހުގީގުތަކުން ކުރީގެ ސަރުކާރުގެ ބޭފުޅުން ފައިސާ ފޮރުވާފައި ހުރި ތަން އެނގޭ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ބަދަލުކޮށްލިއިރު، އެސްޓީއޯގެ ކުރީގެ ޗެއާމަން އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި އެސްޓީއޯގެ އޭރުގެ ބައެއް ވެރިންގެ މައްސަލަ ސިންގަޕޫރުގެ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އެވެ. "ޔާމީނާއި އެސްޓީއޯގެ އިސްވެރިން ގޮވައިގެން ކޯޓަށް ގޮސްފި ނަމަ އެ 10 މިލިއަން ޑޮލަރު ދައްކަން ނުޖެހޭނެ. ކޯޓަށް ނުގޮސްފި ނަމަ އެ ފައިސާ ދައްކަން ޖެހޭނެ،" ޑރ. ޝަހީދު ވިދާޅުވި އެވެ. ސަރުކާރުން ގްރާންޑް ތޯންޓަންއަށް ޖުރިމަނާ ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމަށް ގްރާންޓް ތޯންޓަން އިން ދައުވާކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ. ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ގްރާންޓް ތޯންޓަންގެ ލަފާ ހޯދުމުގެ ސަބަބުން އެ ކުންންޏަށް ދިވެހި ސަރުކާރުން 10 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެ އިންވޮއިސްތައް ލިބިފައިވާ ކަމަށެވެ. އާޒިމާ ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގެ ދުވަސްވަރު ވެފައިވާ ހިޔާނާތް ކަމަށް ބުނާ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ގްރާންޓް ތޯންޓަންގެ އެހީތެރިކަން ނަޝީދުގެ ސަރުކާރުން ހޯދީ 2010 އަދި 2011 ގައި ކަމަށެވެ. އަދި ކުންފުނިން ދިވެހި ސަރުކާރަށް ދިން ލަފާތަކާ ގުޅޭ ރިޕޯޓު ދިނުމަށް ނިންމާފައި ވަނީ ދިވެހި ސަރުކާރުން އެ ފައިސާ ދެއްކުމުން ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ