ޕީޖީގެ މަގާމަށް އައްޔަންކޮށްފިނަމަ ތައްސުބުން އެއްކިބާވެ މަސައްކަތްކުރާނެކަމަށާ ނަމަވެސް ބުނާހާ ގޮތަކަށް ޢަމަލްކުރާނެ "ޕަޕެޓެއް" ޕީޖީކަމަށް ހަމަޖައްސަން މަސައްކަތްކުރާކަމަށް އެމަގާމަށް އައްޔަންކުރުމަށް ފޮނުވާފައިވާ ދެ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަލްއުސްތާޒް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މައުމޫން ހަމީދުއާއި ވާދަކުރައްވާ އަލްއުސްތާޒް މުހުތާޒް މުހުސިންނަށް އިޝާރާތްކުރައްވާ އަދި ޕީޕީއެމްއިން އޭނާއާއި ދެކޮޅަށް ވޯޓް ދިނުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން މައުމޫންގެ އަމިއްލަ ފޭސްބުކުް ޕޭޖުގައި ލިޔުއްވާފައިވަނީ "ޕީޖީގެ މަގާމަށް ޕަޕެޓެއް ހަމަޖައްސަން މަސައްކަތްކުރައްވާތީ މަރުހަބާ ކިޔާކަމަށެވެ."
މައުމޫން ހަމީދަށް ރުހުންދޭން ނުފެންނަކަމަށް ޕީޕީއެމްއިން ނިންމާފައިވާ ނިންމުމަށް އިޝާރާތްކުރައްވާ މައުމޫން ވިދާޅުވީ އޭނާއަށް ރުހުންދޭން ބޭނުންނުވަނީ ބޭނުންހާ ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ނޯންނާނެތީކަމަށާ އޭނާއަށް ރުހުންދޭން ނުފެންނަކަމަށް ނިންމީ އެހެން ވިދާޅުވުމުންކަމަށް އަޑުއިވިވަޑައިގެންފައިވާކަމަށެވެ.
މައުމޫން ހަމީދާއި، މުހުތާޒް މުހުސިންއަށްވެސް ރުހުންދޭން ނުފެންނަކަމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމާފައިވާއިރު ޕީޕީއެމްއާއި އެމްޑީޕީންވެސް ނިންމާފައިވަނީ މައުމޫން ހަމީދަށް ވޯޓް ނުދެއްވާގޮތަށެވެ. ނަމަވެސް މައުމޫން ހަމީދުގެ އާއިލީ ބޭފުޅުން ލީޑަރޝިޕްގަިއ ތިއްބެވި ޕީޕީއެމްގެ މި ނިންމުމާއި ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ބޮޑެތި ޚިޔާލް ތަފާތުވުންތަކެއް އުފެދިފައެވެ.
މިހާރުގެ މަޖިލީހުގައި 85 މެންބަރުން ހިމެނޭއިރު، ޕީޖީގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް މަޖިލީހުގެ ރުހުން ލިބުމަށް 43 މެންބަރުން ތާއީދުކޮށް ވޯޓް ދެއްވަންޖެހެ އެވެ. މަޖިލީހުގައި މެންބަރުން ހިމެނޭ ގޮތަށް ބަލާއިރު ޕީޕީއެމްގައި އެކަނި ވެސް 43 މެންބަރުން ތިއްބަވަ އެވެ.
ޕީޖީގެ ގާނޫނުގައި ބުނެފައިވަނީ ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކޮށް ނިންމަންޖެހޭނެ ކަމަށެވެ
ޕީޖީގެ މަގާމުގައި އެންމެފަހުން ހުންނެވި އަހްމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެއްވީ 25 ނޮވެމްބަރު 2013 ގައެވެ.
ޕަޕެޓެއް އައްޔަންކުރަން މަސައްކަތް ކުރާތީ މަރުހަބާކިޔަން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ