ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޯލީޝަނުގައި ހިމެނޭ ޕާޓީ ތަކުން ވަކި ކެންޑިޑޭޓުން ތަކެއް ނެރެފައިވަނިކޮށް ކޯލީޝަނަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އަމިއްލަ ނަމުގައި އިންތިހާބުގައި ވާދަކުރަމުން ދިއުމަކީ ޕާޓީ ތަކުން އެއްބަސްވެފައިވާ އުސޫލު ތަކާއި ހިލާފަށް ހިނގާފައިވާ "ދެރަ" ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލީޝަނުގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ތ. ކިނބިދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ މާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ކޯލީޝަން ސަރުކާރަކީ ރިޔާސީ އިންތިހާބުގައި ވޯޓްލީ 91 ޕަސަންޓް ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓްދީގެން އިންތިހާބު ކުރެވިފައިވާ ސަރުކާރަކަށްވާތީ މިސަރުކާރު ދަމަހައްޓަންޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރު ދެމެހެއްޓުމަށްޓަކައި ކޯލީޝަނުން ޓިކެޓް ދީފައިވާ ކެންޑިޑޑޭޓުންނަށް ރައްޔިތުން ވޯޓް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންނޫންނަމަ މިސަރުކާރު ނުހިފިހެއްޓިދާނެ. ބުނާތީ އަޅުގަނޑުމެން އަޑުއަހާނެ އަމުރުކުރަންޔާމު ކިޔަމަންވާން ދަސްކުރާށޭ. އަމުރަށް ކިޔަމަން ނުވެވޭތީ ބައެއް ތަންތަނަށް ބައެއް ބޭފުޅުން ޓިކެޓާއި ނުލައި ކެމްޕޭން ކުރަމުން މިދަނީ،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީ އަކީ އަބަދުވެސް ގައުމީ މަސްލަހަތު އިސްކުރާނެ ޕާޓީއެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި ކޯލީޝަނުގެ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް އިސްކަންދެއްވުމަށް ތަކުރާރުކޮށް ގާސިމް އިބްރާހީމް އެދިވަޑައިގެންނެވި އެވެ.
ކިނބިދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަބްދުﷲ ރިޔާޒާއި ގުޅޭގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ ކިނބިދޫ ރައްޔިތުންނަށާއި ޖުމްލަކޮށް ދިވެހި ރައްޔިތުންނަށް އަބްދުﷲ ރިޔާޒަކީ ކާކުކަން ބުނެދޭންޖެހޭނަމަ އެކަން ވެގެންދާނީ "ބަސޮރާއަށް ކަނދުރު ވިއްކުން ކަހަލަކަމެއް" ކަމަށެވެ. އަބްދުﷲ ރިޔާޒަކީ އެހާވެސް ދިވެހި ރައްޔިތުންނަށް ފަރިތަ އަދި ގައުމަށް ގިނަ ދުވަސްތަކެއް ވަންދެން މުހިއްމު ހިދުމަތްތަކެއް ކުރެއްވި އިހްލާސްތެރި އަދި ކިލަނބުކަމެއް ނެތް ގާބިލް ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވެސް ބައިވެރިވެވަޑައިގެންފި އެވެ.
އަބްދުﷲ ރިޔާޒުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށްފަހު ގާސިމް އިބްރާހީމް މިރޭ ވަނީ ހިތަދޫ ދެކުނު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވާ ސަރުކާރު ކޯލީޝަންގެ ކެންޑިޑޭޓް ހަސަން ލަތީފުގެ ކެމްޕޭން ހަރަކާތްތައް ވެސް ފައްޓަވައި ދެއްވާފަ އެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ކޮމަންޑޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވާ ސަރުކާރު ކޯލީޝަންގެ ކެންޑިޑޭޓް ނަހުލާ އަލީގެ ކެމްޕޭން ހަރަކާތްތައް ވެސް ފައްޓަވައި ދެއްވާފަ އެވެ. ނަހުލާގެ ކެމްޕޭން ހަރަކާތްތައް ފެށުމަށްޓަކައި ބޭއްވި ހަފްލާގައި ކުރީގެ ރައީސް މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އަންހެން ބޭފުޅުން އިންތިހާބު ކުރެއްވުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ކަމަށާއި އަންހެނުންގެ ބައިވެރިވުން ސިޔާސީ ކަންކަމުގައި އިތުރުވެގެން ދިއުމަކީ ގާނޫނީ ހުރަހެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.
ނަހުލާ އަލީއާއި ގުޅޭގޮތުން ގާސިމް އިބްރާހީމް ވިދާޅުވީ އޭނާއަކީ އިލްމީ ޒުވާން އަންހެން ބޭފުޅެއް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ކުރިއަށް އޮތް އިންތިހާބުގައި ނަހްލާ އިންތިހާބު ކުރައްވާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށް ވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ކޯލީޝަނަށް ނިސްބަތްވާ ފަރާތްތަކުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަކީ އުސޫލާ ހިލާފު ކަމެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ