ފްލައިޓްތައް ފުލްވެ އައްޑޫ އެކްސިޑެންޓުގައި ޒަހަމްވި މީހާ މާލޭ ނުގެނެވިފައި

އައްޑޫ ސިޓީގެ މަރަދޫގައި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާ މަލޭ ނުގެނެވި ލަސްވަނީ ފްލައިޓްތައް ފުލްވެފައިވާތީ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ ފްލައިޓްތައް ފުލްވެފައިވާތީ ބަލިމީހާ މާލޭ ގެނެވެން އޮތީ ޕެސެންޖަރުންނާ ވާހަކަދައްކައިގެން ބައެއް ޕެސެންޖަރުން އެހެން ފްލައިޓްތަކަށް ބަދަލުކޮށްގެން ކަމަށެވެ. އައްޑޫ ސިޓީގެ ގަމުގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ އޮފީހުން އެކަން ވަރަށް ބުރަކޮށް ކުރަމުންދާ ކަމަށާއި ނަމަވެސް އަދި ހައްލެއް ފެނިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ ބަލި މީހެއް ގެންނަ ނަމަ ބަލި މީހާ ބާއްވާ ސްޓްރެޗާއަށް ހަ ޝީޓެއް ހުސްކުރަންޖެހޭ ކަމަށެވެ. އަދި ސިއްހީ އެހީތެރިޔަކާ އާއިލާގެ މީހަކަށް ވެސް ޖާގަ ހަމަޖައްސަން ޖެހޭތީ ބަލި މީހަކު ގެންނަނަމަ ޖުމްލަ އަށް ސީޓެއް ހުސްކޮށްގެން ނޫނީ ބަލި މީހަކު މާލެ ގެނައުމަކީ އުދަގޫ ކަމަކަށްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ ކެނޑިނޭޅި އެމީހާ މާލޭ ގެނައުމަށް މަސައްކަތް ކުރަން. ބަލި މީހެއް ނަމަ އެމީހަކު މާލެ ގެނައުމަށް އަޅުގަނޑުމެން އަބަދުވެސް ވަަރަށް އިސްކަން ދެން،" ނަޝާތު ވިދާޅުވި އެވެ.
މަރަދޫ އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނީ މަރަދޫ، ކާނޭޝަންގެ، ހުސައިން ނަސީރު (65 އ) އެވެ.
މިއެކްސިޑެންޓާ ގުޅިގެން އޭނާގެ ބޮލުގެ ނާށިގަނޑަށް ގެއްލުންވެ މޭ ކަށިގަނޑުގެ ކަށިގަނޑެއް ނެއްޓިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
މަންޒަރު ދުށް ބައެއް މީހުން އިއްޔެ ވީނިއުސް އަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަރަދޫ ބޮޑުމަގުގައި ހުންނަ "ރޫޓް" ފިހާރަ ހިންގާ ކާނޭޝަން ގެއަށް ވަންނަން ދިޔަ ސައިކަލް މަގުމަތިން އަނބުރާލި ވަގުތު ބާރު ސްޕީޑުގައި އައި ސައިކަލަކުން ޖެހިގެން ކަމަށެވެ. ބާރަށް ދުއްވާފައި އައި ސައިކަލް ދުއްވާފައި އައީ ފޭދޫއާ ދިމާލުން ކަމަށާއި، އެ ސައިކަލް ދުއްވަން އިން މީހާއަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ