މަރަދޫފޭދޫގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑު ސިޓީގެ މަރަދޫފޭދޫގައި ފުލުހުންގެ އިސް ވެރިއަކު ދުއްވި ކަމަށް ބުނާ ވެހިކަލަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ޒަހަމްވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
މިއަދު މެންދުރު ހިނގި މިއެކްސިޑެންޓާ ގުޅިގެން ޒަހަމްވެފައިވަނީ ސައިކަލް ދުއްވަން އިން މަރަދޫފޭދޫ، ރެޑްސްޓާ، މުހައްމަދު ނާޒިމް އެވެ. އޭނާގެ ބޮލަށާއި ފަޔަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.
މިއެކްސިޑެންޓާ ގުޅިގެން ފުލުހުންނާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މިހާދިސާ ހިނގާފައިވަނީ ލިންކްރޯޑުގައި ކަމަށް އެނގިފައިވެ އެވެ. އަދި ފުލުހުންގެ މީހެއް ކަމަށް ބުނާ މީހާ ދުއްވި ވެހިކަލް އަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ވެހިކަލެއް ކަމަށް ވެސް އެނގިފައިވެ އެވެ.
އައްޑޫ ސިޓީގެ މަރަދޫގައި އިއްޔެ ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ. އަދި އެ ހާދިސާގައި ގެއްލުންވި މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރު ވެސް ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ފަރުވާދެމުންދަނިކޮށް މީހަކު ވަނީ މަރުވެފަ އެވެ.
އައްޑޫގައި އެކްސިޑެންޓްތައް ހިނގުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު ފުލުހުން ގެންދަނީ އައްޑޫގެ ބައެއް ރަށްރަށުގައި ޓްރެފިކް އޮޕަރޭޝަންތަކެއް ވެސް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ