ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެވަނަ ފަހަރަށް ހައްޔަރުކުރި މައްސަލާގައި ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ގާސިމް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން 42 މެމްބަރުންގެ ސޮއި ހޯދަން، "ގަވާއިދާ ހިލާފަށް" މަސައްކަތްކުރެއްވުމާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރައްވާކަމުގެ ތުހުމަތުގައެވެ.
މި މައްސަލާގައި ގާސިމްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަަހުއެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތުމާއި ގުޅިގެން އެ މައްސަލާގައި ގާސިމްގެ މައްޗަށް ދައުވާ ނުކުރަން ނިންމާ ޕީޖީ އޮފީހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު އަލުން އަނބުރާ އެ މައްސަލަ ފޮނުވާލާފައެވެ.
އެ މައްސަލާގައި ހައްޔަރުކުރުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ގާސިމް ބެހެއްޓިއެވެ. ޝަރުތުތަކަކާއެކީ ކްރިމިނަލް ކޯޓުން ގާސިމް ދޫކޮށްލީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އެޝަރުތުތަކަކީ ތަހުގީގަށް އެއްބާރުލުން ދެއްވުމާއި ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމަށާއި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުމަށާއި ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެެއް ނުކުރެއްވުމަށާއި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމާއި ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.
ގާސިމް ދޫކޮށްލާފައިވާއިރު އޭނާ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއެއްގެ ޝަރީއަތް މިހާރު ވަނީ ފެށިފައެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
ގާސިމް ދެވަނަ ފަހަރަށް ހައްޔަރުކުރި މައްސަލާގައި ދައުވާ ނުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ