ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ކޮށްފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅި ކަމުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކޮށްދިނުމަށް އެދި ހުށައަޅައިފިއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފަށް ހުށައެޅީ މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ބުނެފައި ވަނީ ހެކިބަސްދިން ފުލުހުންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެކަމުގެ ސަބަބުން ދައުވާގައި ބުނާ "ގަސްތު" ސާބިތުނުވާ ކަމަށް އެ ހުކުމްގައިވެއެވެ.
މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެޔޮމަގުން ރިޔާޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
ރިޔާޒުގެ ފޯނުގެ ޕިންކޯޑުދޭން އެންގީ އެރޭ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށްފަހުގައެވެ.
އެ ހުކުމްގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހެއްކެއް ނެތި، މޮބައިލް ފޯނު ނުހިފެހެއްޓޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ރިޔާޒުގެ ފޯނު ހިފެހެއްޓީ ތުހުމަތު ކުރެވޭ މައްސަލާގައި އެއްވެސް ހެއްކެއް ނެތި ކަމަށް އެ ހުކުމްގައިވެއެވެ.
ހެއްކެއް ނެތި ފޯނު ނުހިފެހެއްޓޭ އުސޫލަށް އަމަލުކުރަން ފަށާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުންނެވެ. ރިޔާޒުގެ ފޯނު ހިފެހެއްޓީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ކަމަށްވިޔަސް ފަހުން ހެދޭ ގާނޫނަކުން ލުޔެއް ލިބޭނަމަ އެ ލުއި ލިބިދެވޭނެ ކަމަށް ގާނޫނު އަސާސީގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ އެ ލުއި ރިޔާޒަށް ލިބިގެންވާ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.
އަބްދުﷲ ރިޔާޒްގެ މައްސަލަ އިސްތިއުނާފު ކުރަން ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ