އަޅުގަނޑު ބަޣާވާތެއް ކުރާކަށް ނޫޅެން, ޤާނޫނާ ޚިލާފެއް ނުވާނަން - ގާސިމް

ބަޣާވާތެއްކުރައްވަން ނޫޅުއްވާކަމަށާއި ދުވަހަކުވެސް ޤާނޫނާ ޚިލާފުވެ ނުލައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ ދުވަހަކު ވެސް ގާނޫނުއަސާސީއާ ހިލާފުނުވާނެ ކަމަށާއި ބަޣާވާތެއް ވެސް ގެންނަން ނޫޅުއްވާ ކަމަށެވެ. ކޮންމެ ބޭފުޅަކު ވިދާޅުވި ނަމަވެސް އެއީ ދޮގެއްކަމަށް ގާސިމް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި ގާސިމްގެ ގިނަ ވާހަކަތައް އަމާޒު ކުރެއްވީ، ޝަރުއީ ދާއިރާ ބޭނުން ކޮށްގެން ސަރުކާރުން ހިންގަމުން އަންނަ ސިޔާސީ ކަންކަމާ ގުޅޭގޮތުންނެވެ.
އެގޮތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ޕާޓީއިން ވަކިވެވަޑައިގަންނަވާ އަދި ވަކިކުރައްވާ މެންބަރުންގެ ގޮނޑި ގެއްލޭގޮތައް ހަމަޖައްސަން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ގާސިމް ވިދާޅުވީ، ގާނޫނުއަސާސީއާ ޚިލާފު ނިންމުމެއް އެ ކޯޓުން ނުނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެއީ ޕާޓީ ބަދަލު ކުރުމުން ކައުންސިލަރުންގެ ގޮނޑި ގެއްލޭނެ ކަމަށް 2012 ވަނަ އަހަރު ސުޕްރީމު ކޯޓަށް ހުށައެޅި މައްސަލަ ވެސް ނިންމާފައިވަނީ އިންތިޚާބުކޮށްފައިވާ މީހަކު، ޕާޓީ ބަދަލުކުރުމުން ގޮނޑި ނުގެއްލޭނެގޮތައްކަމަށް ކަނޑައަޅާފައިވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މީގެ ކުރިން ވެސް އެކި މެންބަރުން، ޕާޓީ ބަދަލު ކުރެއްވި ކަމަށާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ޕީޕީއެމާ ގުޅިވަޑައިގަތް ކަމަށެވެ. އެކަމަކު އޭރު އެޓާނީ ޖެނެރަލަށް އެކަން ފެނިވަޑައިނުގަތީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް އެ ޕާޓީ ދޫކުރައްވައި، އިސްލާހީ މަސައްކަތްތަކާ ގުޅިވަޑައިގަންނަވަނީ އެ ޕާޓީގެ ތެރެއިން ހިތްހަމަޖެހިވަޑައި ނުގަންނަވާ ގިނަ ކަންކަން ފެނިވަޑައިގަތުމުން ކަމަށެވެ.
ގާސިމްގެ މައްޗަށް ދަައުވާކުރާ ތިން މައްސަލައިގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓުން ނިންމައި އޭނާއަށް އިއްޔެ ވަނީ ޗިޓު ފޮނުވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ކުރިން ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާކުރާ މައްސަލައިގައި މިއަދު އޭނާ ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ.
މި މައްސަލައިގެ ޝަރީއަތް އަލުން ފަށަނީ، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް އާދީއްތަދުވަހުގެ ރޭ ބާއްވަން އުޅުނު ޝަރީއަތަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ހާޒިރު ނުވުމުން މައްސަލަ އަނބުރާ ފޮނުވާލުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ