ކޮވިޑް-19: ނަރުދޫން އިތުރު މީހަކު ފައްސިވެއްޖެ

ށ. ނަރުދޫ އިން ކޮވިޑް-19 އަށް އިތުރު މީހަކު ފައްސިވެއްޖެއެވެ.
މިއާއެކު ނަރުދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަރުދޫން މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ.
ރޭވެސް ނަރުދޫން ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އެއީ ކުރިން ފައްސިވި މީހެއްގެ އަންހެނުންނާއި އެދެމަފިރިންގެ އުމުރުން 16 އަހަރުގެ ދަރިފުޅެވެ.
ނަރުދޫން މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ އެރަށަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކައްޕި އާއި އޭނާގެ އަންހެނުންނާއި ދަރިފުޅުގެ އިތުރުން، ކައްޕި އާއި އެއްގެއެއްގައި އުޅޭ އަންހެނަކާއި ބޯޓުގައި މަސައްކަތްކުރާ އިތުރު ދެ ފަޅުވެރިއެކެވެ.
ނަރުދޫ "އަމާޒު" ބޯޓުގެ ކައްޕި، ކޮވިޑް-19 އަށް ފައްސި ވެފައިވާކަން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިޢުލާން ކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. މި ކަމާއި ގުޅިގެން، ކައްޕި އާއި ކޮންޓެކްޓް ވެފައިވާ ފަރާތްތައް ދެނެގަތުމަށް އެޗްޕީއޭއިން ކުރި މަސައްކަތުގެ ތެރެއިން، ނަރުދޫން އެކަނިވެސް 22 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ.
"އަމާޒު" ބޯޓުގެ މި ދަތުރުގެ ތެރެއިން މިލަންދޫން މީހަކަށްވެސް ބަލި ޖެހިފައި ވެއެވެ. މިއީވެސް ކައްޕިއަށް ކޮވިޑް-19 ޖެހިފައިވަނިކޮށް ކުރި ދަތުރުގައި އެ ބޯޓުން ރަށަށްދިޔަ މީހެކެވެ.
މި މީހުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ވަނީ ހއ. ދޮނަކުޅީގައި ހިންގަމުންދާ ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައެވެ.
އެޗްޕީއޭ އިން ޢާންމުކޮށްފައިވާ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 514 އަށް އަރާފައެވެ. އޭގެތެރޭގައި 174 ދިވެއްސަކު ހިމެނެއެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އެކަކު (83 އަހަރުގެ ދިވެއްސަކު) ވަނީ މަރުވެފައެވެ. އަދި 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާރިޗް މަހުގެ ކުރީކޮޅުއެވެ. އޭގެ ފަހުން މަދު މަދުން ވޭދަނަތައް (ކޭސްތައް) ފެންނަމުން އައިސް އޭޕްރިލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސިވި ފަހުން ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ