ޕާކިސްތާނަށް ވަޑައިގަތުމުން ރައީސް ޔާމީންގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި، އެގައުމުގެ ވެރިރަށް އިސްލާމްއާބާދަށް މިއަދު ވަޑައިގަތުމުން އެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. އިސްލާމްއާބާދުގެ ވައިގެބަނދަރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްޙަބާ ‏‏ވިދާޅުވީ، ‏ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފެވެ. އަދި ރައީސްގެ ދެކަނބަލުން އިސްލާމްއާބާދަށް ވަޑައިގަތުމާއި އެކު 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. ރައީސް ޔާމީން ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ރައީސް ޔާމީން ޕާކިސްތާނަށް ކުރައްވާ އެ ދަތުރުފުޅުގައި އެގައުމުގެ ރައީސް މަމްނޫން ޙުސައިނާއި، ‏ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ‏‏‏ނަވާޒް ޝަރީފާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ހަމައެއާއެކު ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ‏‏‏ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި ‏‏ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ވެސް އެ އޮފީހުން މައުލޫމާތުދެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ކުޅިވަރާއި، ޞިއްޙަތާއި، ތަޢްލީމީ ދާއިރާއިން އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ދެޤައުމު ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ޔާމީނުގެ އަރިހުގައި ޕާކިސްތާނަަަށް ވަޑައިގެންނެވި އެމަނިކުފާނުގެ ވަފުދުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދާއި، ވަޒީރުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ