ސައްހަ ނޫން ކޭޝްކާޑު ބޭނުންކޮށްގެން މިދިޔަ މަހު ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި: ޕޮލިސް

ސައްހަ ނޫން ކޭޝް ކާޑްތައް ބޭނުންކޮށްގެން އެކިއެކި އެކައުންޓުތަކުން ހަތް ލައްކަ އަށް ވުރެ ގިނަ ދިވެހި ރުފިޔާ މިދިޔަ މަހު ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ނަމަވެސް ހަތް ލައްކަ ރުފިޔާއާ ބެހޭ ތަފުސީލުތައް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ ފައިސާ އާ ގުޅުން ހުރި އިންޓެލިޖެންސް މަޢުލޫމާތާއި ޢާންމު ފަރާތްތަކުން ހުށައަޅާ މައްސަލަތަކުގެ އަލީގައި ހިންގާ އޮޕަރޭޝަންތަކާއި ތަހުގީގުތަކުގައި ގިނަ އަދަދެއްގެ ދިވެހި އަދި ބޭރު ފައިސާ އާއި އަގު ބޮޑު މުދާ އަތުލައި ފައިސާ އާއި ގުޅުން ހުރި އެކިއެކި ކުށްތަކުގައި ހިމެނޭ ފަރާތްތައް ވެސް އަތުލައިގެންފައިވާ ކަމަށެވެ.
ނަމަވެސް އެކަންކަމުގެ ތަފުސީލެއް ވެސް ފުލުހުން ނުދެ އެވެ.
ފުލުހުން ނެރުނު ތަފާސްހިސާބުތަކެއް ބުނާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފައިސާ އާއި ގުޅުން ހުރި 1147 މައްސަލަ އެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި މުދަލަށް ގެންލުން ދިނުމުގެ 585 މައްސަލަ އާއި ޗެކް ބައުންސްގެ 237 މައްސަލައާއި މަކަރާއި ހީލަތްހެދުމުގެ 225 މައްސަލަ އާއި ކައުންޓަފީޓް އެންޑް ފޯޖަރީގެ 100 މައްސަލަ ހިމެނެ އެވެ. އޭގެތެރެއިން 107 މައްސަލަ ޕީޖީ އަށް ފޮނުވާ ކަމަށް ވެސް ބުންޏެވެ. އަދި ބުނީ ފައިސާގެ ތަފާތު މައްސަލަތަކުގައި 82 މީހަކު ހައްޔަރު ކުރެވިފައިވާ އިރު، 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
މުދަލަށް ގެއްލުން ދިނުމާއި، މަކަރާއި ހީލަތް ހެދުމާއި ޗެކް ބައުންސްގެ މައްސަލަތަކާއި ކްރެޑިޓް ކާޑް ފުރޯޑްގެ މައްސަލަތަކާއި ފައިސާ އާއި ގުޅުންހުރި އެހެނިހެން މައްސަލަތައް މަދުކުރުމަށް ގިނަ މަސައްކަތް ކުރެވިފައިވާ ކަމަށާއި "ފުރޯޑް އެންޑް ފައިނޭޝިއަލް ކްރައިމް ޑިޕާޓްމަންޓް" ނަމުގައި ފައިސާ އާއި ގުޅުން ހުރި މައްސަލަތައް ބަލާނެ ޔުނިޓެއް ހަދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން ޑޮލަރުގެ ކަޅުބާޒާރު ނިމުމަކަށް ގެނައުމަށް ޓަކައި ބޭރު ފައިސާ ގަނެ ވިއްކުމުގައި އެމްއެމްއޭ އިން ހަދާފައިވާ އުޞޫލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދޭތޯ ފުލުހުން ބަލަން ފަށާފައިވާ ކަމަށް ވެސް މިއަދު ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ