ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި މިރޭ ކުއްލިގޮތަކަށް ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ އުއްޗު ދިރިއުޅުއްވާ ދިޓީވީ ހުންނަ އިމާރާތުގެ އުއްޗު އެޕާޓްމަންޓްގައެވެ.
ދޮޅު ގަޑިއެއްހާއިރަށް ދެމިގެންދިޔަ ބައްދަލުވުމަށް ފަހު ނިކުމެވަޑައިގެން ގާސިމް ނޫސްވެރިންނަށް ވިދާޅުވީ އުއްޗު އާއި ދެއްކެވީ ފައިސާ އާއި ސިޔާސީ މަސްރަހުގެ ވާހަކަ ކަމަށެވެ. " އެދެން އަޅުގަނޑު އުއްޗު އާއި ބައްދަލު ކޮށްލީ. ސިޔާސީ މަސްރަހުގެ ވާހަކަދެއްކީ. އަހަރެން އުއްޗު އާއި ދައްކާނެ ވަރަށް ގިނަ ވާހަކަ ހުންނާނެ ނޫންތޯ؟ ފައިސާގެ ވާހަކަ. އަޅުގަނޑުމެން 2 ކުންފުނީގެ ވާހަކަ" ގާސިމް ވިދާޅުވި އެވެ.
ބައްދަލުވުމުގައި ޓްއަރިޒަމް މިނިސްޓަރ އަދީބް ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް އަދީބް އާއި ބެހޭ ގޮތުން ގާސިމް އެއްވެސް އެއްޗެއް ނޫސްވެރިން ކައިރީ ވިދާޅެއް ނުވެއެވެ.
ގާސިމް ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ނިކުންނެވި އިރު ބަޔަކު ވަނީ ގާސިމް އާއި ދެކޮޅަށް އަޑުއުފުލާފައެވެ. އެމީހުން ގޮވަމުންދިޔައީ ގާސިމް ގައުމު ވިއްކާލަނީ ކަމަށެވެ. މީހުން އެއްވެފައި އޮތުމުން ނޫސްވެރިންނަށް ވެސް މާގިނަ މައުލޫމާތެއް ނުދެއްވާ ގާސިމް ވަޑައިގެންނެވީ އެވެ. މީހުން އެއްވެފައި އޮތުމުން ގާސިމް ވެހިކަލަށް އަރައިވަޑައިގެންނެވީ ވެސް ފުލުހުންގެ ހިމާޔަތުގައެވެ.
އުއްޗު އަދި ގާސިމް އާއި އެކު ބޭއްވެވި ބައްދަލުވުމާއި ބެހޭ ގޮތުން ޓްއަރިޒަމް މިނިސްޓަރ އަދީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އުއްޗު އާއި ގާސިމް އާއި އެކު ބޭއްވެވީ ނުރަސްމީ ބައްދަލުވުމެއް ކަމަށާއި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ނުވަތަ އެއްބަސްވެވުނު ކަންތައްތަކާއި ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.
އަދީބް އާއި ގާސިމް އުއްޗު އާއި ބައްދަލުކުރެއްވި އިރު ސަރުކާރު ކޯލިޝަން މެންބަރަކު ޤާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހެއްގެ ސަބަބުން ސަރުކާރާއި ގާސިމް އާއި ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އަދި ޤާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ޖޭޕީ އާއި އެމްޑީޕީ އިން އިދިކޮޅު ހަރަކާތްތަކެއް ފަށާފައި ވަނިކޮށް މީރާ އިން ވަނީ ގާސިމްގެ ވިލާ ކުންފުނިން ދައުލަތައް ލިބެންޖެހޭ 1.5 ބިލިއަން ރުފިޔާ ހޯދަން ވިލާ އަށް 30 ދުވަހުގެ މުހުލަތެއް ދީފަ އެވެ.
ގާސިމް އާއި އަދީބު އެކުގައި އުއްޗުއާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ