ދުނިޔެ ހޫނުވުމަކީ ބިންތިރި ޤައުމުތަކުން ކަންބޮޑުވާންޖެހޭ ކަމެއް - މައުމޫން

ދުނިޔެ ހޫނުވުމުގެ މައްސަލައަކީ، ރާއްޖެ ފަދަ ބިންތިރި ޤައުމުތަކުން އިންތިހާއަށް ކަންބޮޑުވާންޖެހެނެ ކަމެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ "ދި އެނާރޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް" އިން، އިންޑިޔާގެ ނިއު ދިއްލީގައި ބާއްވަމުންދާ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ސަމިޓުގައި ތަޤްރީރު ކުރައްވަމުން، ރައީސް މައުމޫން މިއަދު ވިދާޅުވީ، ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ތިމާވެއްޓަށް އައިސްފައިވާ ބަދަލުތަކާއި މެދު ކަންބޮޑުވާ ކަމަށާއި، މިހާރު ފެންނަ ބަދަލުތަކަކީ ކުރިން އަންދާޒާ ކުރެވިފައިވާ ވަރަށް ވުރެ ވެސް ގޯސް ހާލަތެއް ކަމަށެވެ.
ރައީސް މައުމޫން ވިދަޅުވީ، 1975 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދމެެދު، ރާއްޖޭގެ ހޫނުމިން 0.6 ޑިގްރީސް ސެލްސިއަސްއަށް އިތުރު ވެފައިވާ ކަމަށާއި، ކަނޑުގެ ލޮނުގަނޑު ވެސް މިދިޔަ 20 އަހަރު ތެރޭގައޮ 0.6 މިލިމީޓަރަށް އުފުލިފައިވާކަން ތަފާސް ހިސާބުތަކުން ހާމަވާ ކަމަށެވެ.
އަދި، ސާސްކަފުގެ ލަނޑުދަނޑިތައް އެކުލަވާލި އިރު، ތިމާވެށިން ފެންނަން ނެތް އެތައް ކަމެއް މިއަދު ފެންނަމުންދާ ކަމަށާއި، ކުދި ޤައުމުތަކުން މިކަމާ ކަންބޮޑުވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، 2050 ވަނަ އަހަރު، ދުނިޔޭގައި 9 ބިލިޔަން މީހުން އުޅޭނެ ކަމަށް ލަފާ ކުރެވޭ އިރު، ތެލަށް މިހާރު އޮތް ޑިމާންޑުގެ މިންވަރަށް ބަލާ އިރު، ދުނިޔޭގެ އާބާދީ މާ މައްޗަށް ގޮސްފި ނަމަ ތެލުގެ ރިޒާވްތައް ހުސްވެދާންކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.
އަދިި، މިިދޔަ އަހަރަކީ، ރިކޯޑުތަކުން ދައްކާ ގޮތުން އެންމެ ހޫނުގަދަ ދުވަސްތައް އައި އަހަރުކަން ފާހަގަ ކުރައްވަމުން، ރައީސް މައުމޫން ވިދާޅުވީ މިއީ ވައިގެ ތެރެއަށް ގްރީންހައުސް ގޭސް ބޭރުވުމުން އިތުރުވުމުގެ ނަތީޖާ ކަމަށާއި، މިކަން ހައްލު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް، ވަގުތު ބޭކާރު ނުކޮށް އަޅަން ޖެހިފައިވާ ކަމަށެވެ.
މިއަހަރު ނިއު ދިއްލީގައި ކުރިޔަށް ދަނީ، ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ސަމިޓްގެ 15 ވަނަ ބައްދަލުވުމެވެ. އަދި މި ސަމިޓުގައި، ރައީސް މައުމޫން މީގެ ކުރިން ދެ ފަހަރަކު ވަނީ ތަޤްރީރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ