ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން ހަވަނަ ދުވަހަށް އަވަސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޖޫން މަހުގެ ހަވަނަ ދުވަހަށް އަވަސް ކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ މިއަދު ސަން އަށް ވިދާޅުވީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އަވަސްކޮށްފައި ވަނީ ޖޫން މަހުގެ 18 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާތީ، އޭގެކުރިން އިންތިޚާބުގެ ކަންކަން ނިންމުމުގެ ގޮތުން ކަމަށެވެ. އަމްޖަދު ވިދާޅުވީ ޖޫން ހަ ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަނަށްފަހު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ދެވަނަ ބުރު ބާއްވަން ހަމަޖައްސާފައި ވަނީ ކުރިން އިންތިޚާބު ބާއްވާން ހަމަޖެއްސި ތާރީޚު ކަމުގައިވާ ޖޫން މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ހުށަހަޅަންޖެހޭ ފޯމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ހަވީރު 3:00އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން ދޫކުރާނެއެވެ. ސަރުކާރު ރަސްމީ ބަންދު ދުވަހު ފޯމް ދޫކުރުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 2:30 އިން ހަވީރު 4:30 އަށެވެ. ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައި މިވަނީ އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި އަހްމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ އޭނާ އުމުރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ