ގާސިމް މިނިވަންވުމަކީ ވަރަށް ބޮޑު އުފަލެއް: މައުމޫން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދަށުކޯޓުން އިއްވި ހުކުމް، ހައިކޯޓުން ބާތިލްކުރުމާއި ގުޅިގެން ގާސިމް އިބްރާހިމް މިނިވަންވެވަޑައިގަތުމަކީ ލިބިވަޑައިގެން ވަރަށް ބޮޑު އުފަލެއްކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލްކުރުމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ އެކަމާއި ވަރަށް ބޮޑަށް އުފާފުޅުކުރައްވާކަމަށާ އަދި ގާސިމް އިބްެރާހިމަށް މަރުހަބާ ދަންނަވާކަމަށެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބު އިއްތިހާދުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ކާމިޔާބުކޮށްދެއްވުމަށް ރައީސް މައުމޫނާއި، ގާސިމް އިބްރާހިމް އަދި ރައީސް ނަޝީދާއި، ޝައިޚް އިމްރާން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންވެވަޑައިގަތުމާއި ގުޅިގެން ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ ގާސިމް އިބްރާހިމަށް މަރުހަބާ ވިދާޅުވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މިއަދު ގާސިމް އިބްރާހިމް މިނިވަންވުމުން ކުރެވޭ އުފާވެރި އިހްސާސްތަކާއެކު ލޮބުވެތި އާއިލާއަށް މަރުހަބާއާއި ތަހުނިޔާ އަރިސްކުރާކަމަށެވެ. އަދި އދ މާމިގިލީ ރައްޔިތުންނަށް ނުހަނު ޝުކުރު ދަންނަވާކަމަށެވެ. އަދި ގާސިމް އިބްރާހިމް މިނިވަންކޮށްދެއްވުމަށް މަސައްކަތް ކުރެއްވި ހުރިހާ އެންމެނަށް ސަމީރު ވަނީ ޝުކުރު ދަންނަވާފައެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ ހައްގަށް ނަސްރު ލިބުނީތީ އުފާކުރައްވާކަމަށެވެ.
އަމީތުވެސް ވަނީ ގާސިމް މިނިވަންވެވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.
ކެންދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވީ ގާސިމް އިބްރާހިމް މިނިވަންވެވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގައިވެސް ހިމެނިވަޑައިގަންނަވާ މެންބަރު އަލީ ހުސައިންވެސް ވަނީ ގާސިމް މިނިވަންވެވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.
ގާސިމުގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުލަތުން އެންމެ ފުރަތަމަ މިދައުވާ ކޯޓަށް ހުށަހެޅުމުން ސާބިތު ނުވާ ކަމަށް ނިންމި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ބައެއް ފަނޑިޔާރުން އެހެން ކޯޓަކަށް ބަދަލުކުރުމަށްފަހު އޭރު ކްރިމިނަލް ކޯޓު ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އާދަމް އާރިފް އެކަނި ދެވަނަ ފަހަރަށް އެ މައްސަލަ ބައްލަވާ އިއްވި ހުކުމްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ