އަބްދުﷲ ގާޒީ ހައްޔަރުކުރީ އެމްއެންޑީއެފްއިން، އެކަމުގައި އަޅުގަނޑު ބައިވެރި ނުވަން - ނަޝީދު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރީ އެމްއެންޑީއެފްއިން ކަމަށާއި އެކަމުގައި އެމަނިކުފާނު ބައިވެރި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގާޒީ ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި އެމަނިކުފާނުގެ ސީދާ ދައުރެއް ނޯންނާނެ ކަމަށާއި މި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކުރި ތުހުމަތާ ގުޅިގެން ޖިނާއީ ދައުވާއެއް ކޮށް ހުކުމެއް ކުރާނެ ކަމަށް ފަނޑިޔާރުން ވެސް ގަބޫލުފުޅު ނުކުރައްވާނެ ކަމަށެވެ.
"އަބްދުﷲ ގާޒީ ހައްޔަރުކުރީ އެމްއެންޑީއެފްއިން. އެކަމުގައި އަޅުގަނޑުގެ ބައިވެރިވުމެއް އަދި މަޝްވަރާއެއް އަރުވާފައެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ އަމުރަށް އަބްދުﷲ ގާޒީ ވަަގަށް ނަގާ، އޭނާ ރަހީނު ކުރި މައްސަލައިގައި ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމް އަލުން ބަލައި ދިނުމަށް ޕީޖީ އިން ސުޕްރީމް ކޯޓުގައި އެދުމުން މިއަދު ބޭއްވީ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އޮންނާނީ މިމައްސަލައިގެ ޙުކުމް އިއްވުން ކަމަށެވެ.
މި މައްސަލާގައި ނަޝީދުގެ ވަކީލު ހިސާން ވިދާޅުވީ ނަޝީދުގެ މައްސަލައަކީ ޤާނޫނު އަސާސީ 223 ވަނަ މައްދާ އާއި ޕްރޮސެކިއުޓަރ ޖެނެރަލް ޤާނޫނުގެ 15 ވަނަ މާއްދާ އާއި ޚިލާފަށް ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށެވެ.
ޤާނޫނުގައި ބުނާ ގަދަކަމުން މީހަކު ފޮރުވުމުގެ އުންސުރުތައް ވެސް މިމައްސަލައިގައި ހަމަނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކޮށްގެން އުޅުނު އިރުވެސް ސުޕްރީމް ކޯޓުން އަމުރުތައް ނެރެފައި ވަނީ އެމްއެންޑީއެފްގެ މައްޗަށް ކަމަށާއި އަބްދުﷲ ގާޒީ ދޫކޮށްލަން ނަޝީދުގެ މައްޗަށް އަމުރެއް ނެރެފައި ނެތް ކަމަށް ހިސާން ވިދާޅުވިއެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ އޮޕަރޭޝަނަކީ މޯލްޑިވްސް ޕޮލިސް ސާވިސް އިން އެމްއެންޑީއެފްގައި އެދިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ