ކޯޓުތަކާ ގުޅިގެން ސުއޫދު ދެއްކެވި ވާހަކަައިގެ ހަގީގަތް ހޯދާ ފިޔަވަޅުއަޅާނަން: ޖުޑިޝަރީ

ޝަރުއީ ދާއިރާ، ވަކިން ހާއްސަކޮށް ކުރިމިނަލް ކޯޓާއި ގުޅޭގޮތުން މަރުގެ ކޮމިޝަނުން ފާހަގަ ކުރި ކަންކަމުގެ ހަގީގަތް ހޯދާ ފިޔަވަޅުއަޅާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ބުނެފިއެވެ.
ޑީޖީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޝަރުއީ ދާއިރާއާ ގުޅޭގޮތުން، ވަކިން ހާއްސަކޮށް ކުރިމިނަލް ކޯޓާ ގުޅޭގޮތުން، ކޮމިޝަންގެ ރައީސް ހުސްނުއްސޫދު ދެއްކެވި ވާހަކަތަކަކީ، އަދުލު އިންސާފު ގާއިމުކުރުމުގެ އެއްމެ އިސްފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެހެންކަމުން މަރުގެ މައްސަލަ ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރުއީދާއިރާ، ވަކިން ހާއްސަކޮށް ކުރިމިނަލް ކޯޓާ ގުޅޭގޮތުން އެ ކޮމިޝަނުން ފާހަގަކުރި ކަންތައްތަކުގެ ހަގީގަތް ހޯދައި، ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
"އެ ކަންކަމުގެ [ޝަރުއީ ދާއިރާ އަދި ކުރިމިނަލް ކޯޓާ] ގުޅޭ މައުލޫމާތާއި، އަދި ގުޅުންހުރި ހެކިތަކުގެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާކޮށްދެއްވުމަށް އެދި އެ ކޮމިޝަން [މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަން] ގައި މިހާރު ވާނީ ދަންނަވާފައި" ޑީޖޭއޭ ގެ ބަޔާނުގައި ބުނެފައިވެއެވެ.
މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިހާތަނަށް ބަލަން ނިންމާފައިވާ 24 މައްސަލައިގެ ތެރެއިން ދެ މައްސަލައެއްގެ ތަފުސީލުތައް ހާމައެއް ނުކުރެއެވެ. މި ދެ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ މައުލޫމާތު ހާމަ ނުކުރެއްވި ސަބަބެއްގެ ގޮތުގައި ސުއޫދު ވިދާޅުވީ، އެ މައްސަލަތަކަކީ ގޭންގްތަކާ ގުޅުން ހުރި މައްސަލަތަކެއް ކަމަށެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ގޭންގްތަކުގެ ބާރު ގަދަވެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ވެސް ގޭންގްތަކުން ބާރު ހިންގާފައި ވެއެވެ. އަދި ބައެއް ފަނޑިޔާރުންގެ މައްޗަށް އެ ގޭންގްތަކުގެ ނުފޫޒު އެބައޮތް ކަމަށާއި، ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ބަދަލުކޮށްގެން މެނުވީ އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ސުއޫދު ވަނީ ބައެއް މައްސަލަތަކުގައި ކަން ހިނގާފައި އޮތް ގޮތް ވިދާޅުވެދެއްވާފައެވެ. އެ ގޮތުން ދެ ގޭންގެއްގެ ދެމެދުގައި ހިނގާ މާރާމާރީއެއްގެ މައްސަލައެއް ޝަރުއީ މަރުހަލާގައި އޮށްވައި، ދެ ގޭންގްގެ ދެމެދުގައި މަސްލަހަތު ގާއިމު ކުރަން އެއްބަސްވުންތަކެއް ހަދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
އެ ގޮތުން އެ މައްސަލަ އޮއްބާލުމަށްޓަކައި ހެކިބަސް ނުދިނުމަށް ދެގޭންގްގެ ދެމެދުގައި ވާ އެއްބަސްވުމުގެ ސަބަބުން ކޯޓުން މައްސަލަ ނިމެނީ ސާބިތު ނުވާ ގޮތަށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ މައްސަލަ ބަލަން ފެށުމަށް އަޅުގަނޑުމެން މަޝްވަރާ ކުރުމުގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކީ މި މައްސަލަ ބަލަން ފަށައިފިއްޔާ އަނެއްކާ ދެ ގޭންގްގެ ދޭތެރޭގައި މަސްލަހަތު ގެއްލި، ކުރިން ހަދާފައި އޮތް އެއްބަސްވުމަށް އަސަރުކޮށްފާނެ. އަނެއްކާ ގުޅުން ގޯސްވެދާނެ. އެހެންވީމާ އަޅުގަނޑުމެން މި ދަނީ އެ ދެ ގޭންގްގެ އެއްބަސްވުމަށް އިހުތިރާމު ކުރަމުން ފާޑަކަށް" ސުއޫދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ