ވިއްސާރައިގެ ސަބަބުން މޫސުން ގޯސްވަމުން ދާތީ ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 07 މޭލާ 17 މޭލާދެމެދުގެ ބާރުމިނުގައި ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަފަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރެއެވެ. އަދި ވައިގަދަވެ އުތުރާއި މެދުތެރޭގައި ކަނޑުތައް ހާއްސަގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އެ އިދާރައިން ވަނީ އިލްތިމާސްކޮށްފައެވެ. ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދިޔަ ވަރު ބޮޑު ވާނެ ކަމަށް ލަފާ ކުރެވޭ ގަޑިތަކަކީ، އުތުރުގެ ސަރަހައްދުތަކަށް މިރޭ19:45ގެ އިތުރުން މާދަމާ 09:26 ގައެވެ/ އަދި މެދުތެރޭގެ ސަރަހައްދުތަކަށް މިރޭ 21:08 އަދި މާދަމާ 10:27 ގައި ދިޔަވަރު ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން، ދެކުނުގެ ސަރަހައްދުތަކަށް މިރޭ 22:25 އަދި މާދަމާ 11:20ގައި ދިޔަ ވަރު ބޮޑު ވާނެއެވެ. މެޓް އޮފީހުން ބުނީ ހުކުރު ދުވަހު ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 15:00 އާ ހަމައަށް ވައިޓް އެލޭޓް ނެެރެފައިވާކަމަށެވެ. މޫސުން ގޯސްވަމުންދާތީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ޤައުމީ ދިފާއީ ބާރުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ