އަފްރާޝީމްއަށް ދެވުނު ހަމަލާއަކީ ދީނީ އިލްމުވެރިންނަށް ދެވުނު ނުރައްކާތެރި މެސެޖެއް - މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ ޑޮކްޓަރ އަފްރާޝީމް އަލީއަށް ދެވުނު ހަމަލާއަކީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ދެވުނު ނުރައްކާތެރި މެސެޖެއްކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
 ޑޮކްޓަރ އަފްރާޝީމް އަލީ އަވަހާރަކޮށްލިތާ އެއް އަހަރު ފުރުމާގުޅިގެން އޭނާގެ ހަނދާނުގައި ރޭ ޕީޕީއެމުން އިންތިޒާމުކޮށްގެން ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގްސަދެއްގައިކަމަށާއި އެއީ ސިޔާސީ ގޮތުން ހިންގި ޖަރީމާއެއްކަމަށެވެ. އެއީ އޭނާގެ ޚިދުމަތުން ގައުމު މަހްރޫމްކޮށްލުމަށްފަހު އެގޮތަށް މަސައްކަތްކުރައްވާ އިލްމުވެރިންނަށްވެސް  ބަޔަކު ދިން ވަރަށް ނުރައްކާތެރި މެސެޖެއް ކަމަށް މައުމޫން ވިދާޅުވިއެވެ.  
 
 ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ޝަރީއަތް ދިގުދެމިގެން ނުގޮސް ކުށްވެރިވާ ފަރާތްތަކަށް ލިބެންޖެހޭ ޝަރުއީ އަދި ޤާނޫނީ އަދަބު ލިބިގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވެސް މައުމޫނު ވިދާޅުވިއެވެ. މިކަން ހިންގި ފަރާތްތަކަށް ޝަރުއީ އަދި ޤާނޫނީ އަދަބު ދިނުމަކީ މިފަދަ އަނިޔާވެރި ކަންކަން ހުއްޓުވުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށާއި، އަޒުމަކަށް ވާންވީ ރާއްޖޭގައި އަމަންއަމާންކަން ޤާއިމް ކުރުމަށްކަމަށް މައުމޫނު ވިދާޅުވިއެވެ.
 
 އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއަށް އެއް އަހަރު ފުރިފައިވާއިރު، މިހާތަނަށް މި މައްސަލައާއި ގުޅިގެން ފުލުހުންގެ ތަޙުޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާއަށް ބަލާ، މި މައްސަލައިގަ ތުހުމަތުކުރެވޭ ޖުމްލަ 7 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ވަނީ ފޮނުވާފައެވެ. އަދި މީގެތެރެއިން ތިން މީހެއްގެ މައްޗަށް ޕީޖީއިން ދައުވާ އުފުލާ، މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައްވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ