ވެންޓިލޭޓަރަކުން ކަރަންޓު ކެނޑިގެން ބަލި މީހަކު ނިޔާވި މައްސަލައެއް ފެންމަތިވެއްޖެ

ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކަނޑާލާފައިވާ ބަލި މީހަކަށް ވެލްޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދަނިކޮށް، ވެލްޓިލޭޓަރުން ކަރަންޓު ކެނޑުމާ ގުޅިގެން އެ މީހާ ނިޔާވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެ ހާދިސާ ހިނގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ. އުމުރުން 75 އަހަރުގެ އަންހެނަކަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދަނިކޮށް، ހޯމަ ދުވަހުގެރޭ އެމީހާ ނިޔާވެފައި ވަނީ ވެންޓިލޭޓަރުން ކަރަންޓު ކެނޑި، ބަލިމީހާގެ ހާލު ސީރިއަސް ވެގެން ކަމަށް އާއިލާއިން ބުނެއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތް އޮފިސަރު މުހައްމަދު ނަޖީބު "ރާއްޖެއެމްވީ"އަށް އަންގާރަ ދުވަހު ވިދާޅުވީ ވެންޓިލޭޓަރުގެ އެހީގައި ބަލި މީހަކަށް ފަރުވާ ދެމުންދަނިކޮށް، ވެންޓިލޭޓަރަކުން ކަރަންޓު ކެނޑުނު ކަމަށާއި ކަރަންޓު ކެނޑުނީ މިނިޓެއްހާ އިރަށް ކަމަށެވެ. އޭނާ ބުނީ ވެންޓިލޭޓަރުން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށާއި އެއީ އާންމުކޮށް ދިިމާވާ މައްސަލައެއް ނޫން ކަމަށެވެ.
"އެއް ސޮކެޓުން އަނެއް ސޮކެޓަށް ކަރަންޓް ޓޮޕް ޖަހަން އުޅެނިކޮށް ކަރަންޓު ކެނޑުނީ. މުޅި ހޮސްޕިޓަލުން ކަރަންޓު ކެނޑުނީއެއް ނޫން. ހަމަ ޓޮޕް ބަދަލުކޮށްލީ. އެ ވަގުތު ފަރުވާވެސް ދެމުން ގެންދިޔައީ،" ނަޖީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުމުރުން ދުވަސްވީ އެ މީހާ ނިޔާވީ ވެންޓިލޭޓަރަކުން ކަރަންޓު ކެނޑިގެން ނޫން ކަމަށާއި އޭނާ މަރުވީ މުސްކުޅި ބަލީގައި ކަމަށެވެ. ހާޓްއެޓޭކެއް ޖެހިފައިވާ އެ މީހާގެ ފުރާނަ ސަލާމަތް ނުކުރެވޭނެކަން އޭނާ ނިޔާވުމުގެ ދެ ދުވަސްކުރިން ޑޮކްޓަރުންނާ ހަވާލާދީ އާއިލާއަށްވެސް އަންގާފައިވާނެ ކަމަށް ނަޖީބު ވިދާޅުވިއެވެ.
އާއިލާއިން ބުނީ އައިސީޔޫގައި ބަލި މީހާއަށް ފަރުވާ ދެމުންދަނިކޮށް، ވެންޓިލޭޓަރުން ކަރަންޓު ކެނޑުނުކަން ހޮސްޕިޓަލުގައި އެ ވަގުތު ތިބި ސިއްހީ އެހީތެރިންނަށް ނޭނގޭ ކަމަށެވެ. ހޮސްޕިޓަލުގެ ސަމާލުކަމަށް އެކަން ގެނައުމުން، އަވަސް އަރުވާލައިގެން ހޮސްޕިޓަލުން ފަރުވާ ދޭން ފެށި ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ސިއްރު ކުރަންވެސް ހޮސްޕިޓަލުން މަސައްކަތް ކުރި ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ