އިބުރާ ހުށަހަޅުއްވާ ގަރާރު "އެމްޓީޑީސީގެ ރަށެއް އެހެން ފަރާތަކަށް ދެވިގެން ނުވާނެ"

ޓޫރިސްޓު ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެމްޓީޑީސީ(އާ ހަވާޅުކުރާ ރަށްތަކުގެ ތެރެއިން، ރަށެއް އެހެން ފަރާތަކަށް ކުއްޔަށް ނުދެވޭ ގޮތަށް ފާސްކުރުމަށްޓަކައި މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް(އިބުރާ) ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފި އެވެ.
"ރައްޔިތުންގެ މަންފާއަށްޓަކައި ފަރުތުރުވެރިކަމުގެ ސިނާއަތު ރައްކާތެރިކުރުމުގެ ގަރާރު" ގެ ނަމުގައި އިބުރާ ހުށަހަޅުއްވާފައިވާ މި ގަރާރުގައި ވަނީ، އެމްޓީޑީސީ އަށް ދޫކުރާ ރަށްރަށާއި ބިންބިމުގެ ތެރެއިން އެ ކުންފުނިން ސީދާ ތަރައްގީ ކުރުމަށް އުޒުވެރިވާ ރަށްތަކާއި ބިންބިން އެ ކުންފުނިން ކުއްޔަށް ދިނުމުގެ އިހްތިޔާރުނުދީ އަލުން އަނބުރާ ސަރުކާރާ ހަވާލުކުރުމަށް ޝަރުތުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އެންގެވުމަށެވެ.
ރައްޔިތުންގެ 55 ޕަސެންޓް އަދި ސަރުކާރުގެ 45 ޕަސެންޓް ހިއްސާވާ އެމްޓީޑީސީގެ 0.01 ޕަސެންޓަށް ވުރެ މަތީ އަދަދެއްގެ ހިއްސާ ފަރުދަކަށް ނުވަތަ ސަރުކާރު ފިޔަވައި އެހެން ގާނޫނީ ޝަހްސަކަށް މިލްކު ނުކުރެވޭނޭ ގޮތަށް ކުންފުނީގެ އަސާސީ ގަވާއިދު އިސްލާހުކުރުމާއެކު، ސަރުކާރާ މި ކުންފުންނާ ދެމެދު ކުރެވޭ ކުއްޔަށް ދިނުމުގެ އެއްބަސްވުންތަކުގައި މިކަން ޝަރުތުކޮށްފައި ބޭއްވުމަށް ވެސް މި ގަރާރުގައި ބުނެފައިވެ އެވެ. އަދި އެމްޓީޑީސީއާ ހަވާލުކުރާ ރަށްތަކުގެ ކުލި، ކުލި ކޮންޓްރޯލްކުރައްވައި ބީލަމަށް ލައްވާފައިވާ ރަށްރަށުގެ ކުއްޔަށް ވުރެ ކުޑަނުކުރުމަށް ފާސްކުރުމަށް ވެސް މި ގަރާރުގައި ބުނެފައިވެ އެވެ.
މަޖިލީހަށް ހުށަހަޅުއްވި ގަރާރުގައި އިބުރާ ވިދާޅުވެފައި ވަނީ މިފަދަ ގަރާރެއް ހުށަހެޅުމަށް ޖެހިވަޑައިގެންނެވި ސަބަބަކީ އެމްޓީޑީސީއާ ހަވާލުކުރައްވާ ރަށްތަކުގެ ތެރެއިން ބައެއް ރަށްތައް އެހެން ފަރާތަކަށް ކުއްޔަށް ދޭނޭ ކަމަށް އެ ކުންފުނިން އިއުލާނުކުރައްވާފައިވުމާއެކު، އެއީ ޓޫރިޒަމާ ބެހޭ ގާނޫނާ ހިލާފު ކަމަކަށް ވާތީ ކަމަށެވެ.
އިބުރާ ވިދާޅުވެފައި ވަނީ އެ ގޮތަށް އިތުރު ފަރާތްތަކަކަށް ރަށްތައް ދޫކޮށްލެއްވުމުން ވަރަށް ގިނަ މައްސަލަތައް ދިމާވާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށާއި އިޖުތިމާއީ ދާއިރާ އަށް ވެސް އަސަރުކުރާނެ ކަމަށެވެ. އެގޮތުން އެމްޓީޑީސީން އިތުރު ފަރާތަކަށް ރަށްތަކެއް ކުއްޔަށް ދީފި ނަމަ ނިކުމެދާނެ އަށް މައްސަލައެއް އިބުރާ ފާހަގަކުރައްވައި ހުށަހަޅުއްވާފައިވެ އެވެ.
ވާދަވެރިކަމާއެކު ކުރިއަރަމުން އަންނަ، އަދި ސަރުކާރަށް ބޮޑެތި އަދަދުތަކެއްގެ ކުލި ދައްކައިގެން ހިންގާ ސިނާއަތެއްގައި އިންވެސްޓްކޮށްގެން ތިބި ބަޔަކާ ނަހަމަ ގޮތެއްގައި ވާދަކުރުމުގެ ފުރުސަތު ވަކި ބަޔަކަށް ލިބިގެންދާނެ ކަމަށް އިބުރާ ބަޔާންކުރައްވާފައިވެ އެވެ.
އަމިއްލަ ފަރުދުންގެ ބުރަ މަސައްކަތާއެކު ތަރައްގީކޮށްފައިވާ އަދި ރާއްޖޭގެ އިގްތިސޯދުގެ ބޮޑު ބައެއް ބަރޯސާކުރެވޭ ޓޫރިޒަމްގެ 20 ޕަސެންޓް، އެހެން ކުންފުންޏަކަށް ކުއްޔަކަށް ދޫކޮށްލެވުމަކީ މުޅި މި އިންޑަސްޓްރީގެ މުސްތަގުބަލަށް އަނދިރިކަމާއި ބަނަކަން ގެނެސްފާނެ ކަމަކަށް ވެދާނެ ކަމަށް ވެސް އިބުރާގެ ގަރާރުގެ އިތުރު ލިޔުންތަކުގައިވެ އެވެ.
މި ގަރާރާ ބެހޭ ގޮތުން މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މިކަމާ ގުޅޭ ގޮތުން އަދި ވާހަކައެއް ވިދާޅުވެވެން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ