ހެރަތެރައިގެ ކުލި ހޯދުމަށް ކުރާ ދައުވާ: ޝަރީއަތުގައި ބަންޑާރަ ނައިބަށް ބައިވެރި ނުވެވޭނެ ކަމަށް ކޯޓުން ކަނޑައަޅައިފި

ސ. ހެރަތެރަ ރިސޯޓުގެ ކުއްޔާއި ކުލި ނުދެއްކުމުން ލިބޭ ކަމަށް ބުނާ ގެއްލުން ހޯދުމަށް އެމްޓީޑީސީން އެ ރިސޯޓު ކުއްޔަށް ދީފައިވާ ޔޮޓް ޓުއާސްއާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތުގައި ބަންޑާރަ ނައިބަށް ބައިވެރި ނުވެވޭނެ ކަމަށް މަދަނީ ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އެ ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބުގެ ފަރާތުން ވަޑައިގެންނެވި ވަކީލު އަހުމަދު ރަޝީދު ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ދައުލަތުން ވެންނެވުމަށް ބޭނުންވަނީ މައްސަލަ އަވަސް ކުރުމަށާއި މައްސަލަ ހިނގާ ގޮތް ބެލުމަށް ކަމަށެވެ. އޭގެ ތެރޭގައި އާންމު މަސްލަހަތަކާއި ހާއްސަ މަސްލަހަތެއް ހިމެނޭ ކަމަށް ވަކީލު ވިދާޅުވި އެވެ. އެ މައްސަލައިގައި އާންމު ރައްޔިތުންގެ ވަރަށް ބޮޑު މަސްލަހަތެއް އޮތް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެ ހިސާބަށް ވަކީލު ވިދާޅުވުމުން ޝަރީއަތުގައި ރިޔާސަތު ބެލެހެއްޓެވި ގާޒީ އަލީ ސަމީރު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ދައުލަތުން ޝަރީއަތުގައި ކުރާނީ ކީއްތޯ އެވެ. ޖަވާބު ދެއްވަމުން ވަކީލު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ދާ ގޮތް ބަލައި ކޯޓު ތެރެއިންނާއި ބޭރުން މައްސަލަ ސުލްހަވެރިކޮށް ނިންމުމަށް މަސައްކަތް ކުރާނީ ކަމަށެވެ. އަދި މައްސަލައިގެ ތެރެއަށް ނުވަދެ މައްސަލައިގެ ލިޔެކިޔުންތައް ނުހޯދޭނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ދައުލަތުން އިތުރަށް ފާހަގަ ކުރައްވަން ބޭނުންވެވަޑައިގެންނެވި ނުކުތާތައް ފާހަގަ ކުރެއްވުމަށް ވެސް ވަކީލު ޝަރީއަތުގައި އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެ ފުރުސަތު ނެތް ކަމަށާއި ދައުލަތުން ކުރަން ބޭނުންވާ ކަންތައް ޝަރީއަތް އަޑުއަހަން ވަދެގެން ވެސް ހާސިލްވާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ތެރެއަށް ދައުލަތުން ނުވަދެވޭނެ ކަމަށް ޝަރީއަތުން ކަނޑައެޅުއްވިކަން ގާޒީ އިއުލާން ކުރެއްވި އެވެ.
އެ މައްސަލައިގެ އިތުރުން ރިސޯޓުގެ އެގްރިމެންޓު ބާތިލްކޮށް ރަށް އަނބުރާ ހޯދުމަށާއި އިންޝުއަރެންސްގެ ގޮތުގައި ހެރަތެރަ އަށް އެމްޓީޑީސީން ދެއްކި ފައިސާ އާއި ރިސޯޓު ހަވާލުކުރި އިރު ހުރި މުދަލާއި ބައެއް އެހެނިހެން ކަންތައްތަކަށް އަރާ ޖުމްލަ 1،081،441 ޑޮލަރު (ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ) ހޯދުމަށް ވެސް އެމްޓީޑީސީން ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.
އޭގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު އިންޝުއަރަންސްގެ މައްސަލަ ވަނީ މަދަނީ ކޯޓުގައި ބާއްވާފަ އެވެ. އެ މައްސަލައިގެ ޝަރީއަތުގެ ތެރެއަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެ ދުވަހު ވެސް ޝަރީއަތުން ބަންޑާރަ ނައިބުގެ އޮފީހަށް އެ ފުރުސަތެއް ނުދެއްވި އެވެ.
މިއަދުގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުން ޔޮޓް ޓުއާސްގެ ވަކީލާ އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވީ މީގެ ކުރިން އެމްޓީޑީސީގެ ފަރާތުން ބަދަލު ހޯދުމަށް ޔޮޓް ޓުއާސް އިން ކޯޓަށް ހުށަހެޅި މައްސަލަ އާއި މި މައްސަލައާ ވަރަށް ގުޅުން ބޮޑު ކަމަށެވެ. އަދި އެ މައްސަލަ މިހާރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.
ދިޔާނާ ވިދާޅުވީ ހައި ކޯޓްގެ މައްސަލަ ނުނިމެނީސް މަދަނީ ކޯޓުގެ މައްސަލަ ނުހިންގުމަށް އަމުރުކޮށްދެއްވުމަށް އެދި ހައި ކޯޓަށް ޔޮޓް ޓުއާސްގެ ފަރާތުން ސިޓީއެއް ލާފައި ވާނެ ކަމަށާއި އެ ސިޓީގެ ޖަވާބު ލިބެންދެން އެ މައްސަލައިގެ އަޑުއެހުންތައް ފަސް ކޮށްދެއްވުމަށެވެ. ދިޔާނާ ވިދާޅުވީ އެ ސިޓީގެ ޖަވާބު 10 ވަރަކަށް ދުވަހުގެ ތެރޭގައި ދޭނެ ކަމަށް ހައި ކޯޓުން ބުނެފައިވާ ކަމަށެވެ.
އެމްޓީޑީސީގެ ވަކީލު ހަސަން މައާޒް ޝަރީފް ވިދާޅުވީ އެ ފަރާތުން ކޮށްފައިވާ ދައުވާ އަށް ޔޮޓް ޓުއާސް އިން ޖަވާބު ދެއްވުމަށް އިންކާރު ކުރާ ކަމަށެވެ. އަދި ހައި ކޯޓުގެ ސިޓީގެ ޖަވާބު ލިބެންދެން މައްސަލަ ފަސްކުރުމަށް އެމްޓީޑީސީން އިންކާރު ކުރާ ކަމަށާއި މި މައްސަލައަކީ އަވަސް ނިޔާގެ މައްސަލައެއް ކަމަށް ވަކީލު ވިދާޅުވި އެވެ. ނަމަވެސް ގާޒީ ނިންމެވީ 10 ދުވަހަށް ޝަރީއަތުގެ އަޑުއެހުން ފަސް ކުރުމަށެވެ.
ރިޔާސަތުގައި އިންނެވި އަލީ ގާޒީ އަލީ ސަމީރުގެ އިތުރުން އެ މައްސަލަ ބެއްލެވީ ގާޒީ މުހައްމަދު ޖަމީލާއި ގާޒީ އަލީ ނަސީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ