ހުޅުމާލޭގެ ރަޖިސްޓްރީއާ ބެހޭ ގޮތުން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރަނީ
މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ކުރި އަމުރު, ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ.މި މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ ހުޅުމާލޭގެ ބިން އެޗްޑީސީ އަށް މިލްކުވެފައި އޮތީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ޚަރަދާއި ނެގި ލޯނުތަކަށް އެ ކުންފުނިން ޒިންމާވާ ގޮތަށް ކަމަށް ވާއިރު، އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެ ކުންފުންޏަށް ލިބިގެން ހިނގައިދާނެ ކަމަށެވެ.އެހެންވެ، އެ މައްސަލަ ނިމެންދެން، ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށެވެ.ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީ ކުރުމަށް އެޗްޑީސީ އަށް ލިބިފައި އޮތް ހައްގަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށާއި އަދި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ. އަދި އެފަދަ ކަމެއް ކުރާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.މާލޭ ސިޓީ ކައުންސިލްގެ ސްޕޯކްސްޕާސަން މަރިމަޔް ޝިއުނާ ވިދާޅުވީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރަން މި ހަފްތާ ތެރޭގައި ހައި ކޯޓަށް ފޮނުވާނެ ކަމަށެވެ."[ސިޓީ ކައުންސިލްގެ] ނިންމުން ގޯސް ކަމަށް [ސިވިލް ކޯޓުން] އަންގާފައެއް ނުވޭ. އެހެންކަމުން ސިޓީ ކައުންސިލްގެ ލީގަލް ޓީމުން ގަބޫލު ކުރަނީ ސިވިލް ކޯޓަށް މިފަދަ އަމުރެއް ނުނެރެވޭނެ ކަމަށް. ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމީ މި ސަބަބާ ގުޅިގެން،" ޝިއުނާ ވިދާޅުވިއެވެ.ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ ގެންދިޔުމަށް މިމަހުގެ އަށް ވަނަ ދުވަހު އެ ކައުންސިލުން ފާސްކުރީ, އެޗްޑީސީގެ ހުއްދަ ނުހޯދާ ޕީޕީއެމް ޖަލްސާއެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމި މައްސަލަ ފެންމަތިވެ، އެޗްޑީސީއާއި ސިޓީ ކައުންސިލާ ދެމެދު ދެބަސްވުމެއް އުފެދުނު ފަހުންނެވެ.ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލް ކުރުމަކީ މާލޭ ސިޓީ ކައުންސިލަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވެސް ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ