ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ދުވަހެއްގައި ގާނޫނު އަސާސީއާ ހިލާފަށް "ޒައްރެއްގެ މިންވަރު ވެސް، ދިވެހި އުންމަތުން" ނުނަގާނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކީރިތި ގުރުއާނުގައި އަތްޕުޅުލަައްވައި މާތްﷲ ގައްދީ ހުވާ ކުރައްވައިފި އެވެ.
~
ޖުމްހޫރީ ގުޅުމުން ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާގެ މުދަލަކީ "އަނބި ދަރިންނަށް ބަހާލެވެން އޮތް ތަރިކަ މުދަލެއް ނޫން" ކަމަށާއި މިހާތަނަށް ކުރެއްވި މަސައްކަތެއް ކުރައްވާފައި ވާނީ މި ގައުމުގެ ކުރިއެރުމާއި މަންފާއަށްޓަކައި ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވީ ގައުމުގައި ކޮރަޕްޝަނާއި ފަސާދަ ބޮޑުވެގެން ގޮސްފައި ވާތީ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންނާއި ޖުޑީޝަރީގެ އިތުރުން މުއައްސަސާތަކުގެ ހިންގުން ހުއްޓި، އެކަކު އަނެކަކަށް ޖެއްސުން ކުރަމުންގޮސް މުޅި ގައުމު ސުންނާފަތި ވެގެން ގޮސްފައި ވާތީ "އަޅުގަނޑަށް ކުރެވުނު ކަމެއް ކުރަން ވެގެން" ވެރިކަމަށް ވަޑައިގަންނަވަން ނިންމެވީ ކަމަށް ގާސިމް ވިދާޅުވި އެވެ.
ވެރި ކަމަށް ކުރިމަތިލެއްވި ސަބަބު ގާސިމް ވިދާޅުވެދެއްވީ ޕޯޑިއަމް މަތީގައި އޮތް ކީރިތި ގުރުއާނުގައި އަތްޕުޅު ލައްވައި، މާތްﷲ ގައްދީ ހުވާ ކުރެއްވުމަށްފަހު އެވެ.
"މާތްﷲ ގައްދީ ހެކިކޮށް މި ދަންނަވަނީ މި އޮތީ ކީރިތި ގުރުއާނުގައި އަތްލާފައި އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި އަޅުގަނޑުކޮށްގެން ހުރި ހުވަޔާ ހިލާފަށް ހަމަ އެއްވެސް އެއްޗެއް، ޒައްރެއްގެ މިންވަރު ވެސް، އަޅުގަނޑު މި ދިވެހި އުންމަތުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ ދުވަހެއްގައި ނުނަގާނެ ކަން މާތްﷲ ގައްދީ އަޅުގަނޑު ހުވާ ކުރަން،" ޖުމްހޫރީ ގުޅުމުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއްވުމުގައި ގާސިމް ހުވާ ކުރައްވައި ވިދާޅުވި އެވެ.
ޖުމްހޫރީ ގުޅުމުގެ ހަތަރު ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ގާސިމް ވިދާޅުވީ ގައުމަށް "ގައްދާރުވެ"، މީހަކަށް ގޯސްކޮށް ކުރި ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެފަދަ ކަމެއް މީހަކަށް ކުރައްވާފައިވޭތޯ ގާސިމް ސުވާލު ކުރެއްވި އެވެ.
"އަޅުގަނޑު މި ގައުމަށްވީ ގައްދާރެއް، އަޅުގަނޑު މީހަކަށް ނުބައިކޮށް ކުރި ކަމަކީ، ނުވަތަ ގޯސްކޮށް ކުރި ކަމަކީ ކޮބައިތޯ؟ އަޅުގަނޑަކީ އިސްލާހަށް މަސައްކަތް ކުރި މީހެއް. އިސްލާހަށް މަސައްކަތް ކުރުމަކީ ގޯހެއްތޯ. އަޅުގަނޑު މަސައްކަތް ކުރީ ގާނޫނީ އިންތަކާއި މިންތަކުގެ ތެރެއިން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށްތަކަށް ޖުމްހޫރީ ޕާޓީން ދަތުރުކޮށްފައިވާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ވޯޓުގެ ކުރިން އެރަށް ވެސް ޖުމްހޫރީ ޕާޓީން ދަތުރު ކުރާނެ ކަމަށެވެ.
ޖުމްހޫރީ ގުޅުމުން މިރޭ ބޭއްވި ޖަލްސާގައި ގާސިމް އިބްރާހިމްގެ ދެ އަނބުކަނބަލަކާއި ބައެއް ދަރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބެ އިލްޔާސް އިބްރާހިމާއި އައްބާސް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖުމްހޫރީ ގުޅުމުގެ ބޮޑު ޖަލްސާގައި ގާސިމް ހުވައެއް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ