ޕީއެފްއޭ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހަޒާޑަށް

ޕްރޮފެޝަނަލް ފޮޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ޗެލްސީގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑަށް ލިބިއްޖެ އެވެ.
ހަޒާޑަށް އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ލިބުނު އިރު، އޭނާއާ އެންމެ ކައިރިން ވާދަކޮށްފައި ވަނީ ލިވަޕޫލްގެ އިނގިރޭސި ފޯވަޑް ޑެނިއެލް ސްޓަރިޖް އެވެ. އަދި ތިންވަނައިގައި އޮތީ ސައުތެމްޓަންގެ ލެފްޓް ބެކް ލޫކް ޝޯ އެވެ.
މި ސީޒަނުގައި ހަޒާޑު ވަނީ ޗެލްސީ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން ހަޒާޑް ވަނީ ޗެލްސީ އަށް ކުޅުނު 33 މެޗުން 14 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި އޭގެ އިތުރުން އިތުރު ހަތް ލަނޑު ކާމިޔާބުކޮށް ދިނުމުގައި ހަޒާޑްގެ އެހީތެރިކަން ފާހަގަކޮށްލެވެ އެވެ.
އުމުރުން 23 އަހަރުގެ ހަޒާޑު ވަނީ ޕީއެފްއޭ އަހަރުގެ އެންމެ މޮޅު ޓީމުގައި ވެސް ހިމެނިފަ އެވެ. ހަޒާޑުގެ އިތުރުން އެ ޓީމުގައި ޗެލްސީގެ ޕީޓާ ޗެކް އަދި ގޭރީ ކޭހިލް ވެސް ހިމެނެ އެވެ.
އެ ޓީމުގައި ހިމެނޭ އެހެން ކުޅުންތެރިންނަކީ ސައުތެމްޓަންގެ ލޫކް ޝޯ، އެވަޓަންގެ ސީމުސް ކޯލްމަން، މެންޗެސްޓާ ސިޓީގެ ޔާޔާ ޓޫރޭ، ސައުތެމްޓަންގެ އެޑަމް ލަލާނާ، ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖަރާޑް، ޑެނިއަލް ސްޓަރިޖް އަދި ޕީއެފްއޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކާމިޔާބުކުރި ލުއިސް ސުއަރޭޒް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ