މަޖިލީހުގައި ތިބެން ޖެހޭނީ އެކަމަށް ޤާބިލް ތަޖުރިބާ ހުރި ބޭފުޅުން: ގާސިމް

ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހޭނީ އެކަމަށް ޤާބިލް އަދި ތަޖުރިބާ ހުރި ބޭފުޅުންކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލީ ދާއިރާ އަށް ވާދަކުރައްވާ މިހާރު ވެސް އެ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާލުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އައްޑޫ ހިތަދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވާ މިހާރު ވެސް އެ ދާއިރާގެ މެންބަރު ޙަސަން ލަތީފުގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
"ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އުޅެންވާ ގޮތް އަދި އުސޫލުތައް ކަނޑައަޅާ ތަނެއް. އެ ތަނަށް އަންނަ ބޭފުޅުންނަކީ ހަރުދަނާ، ތަޖުރިބާ ހުރި ތައުލީމް ހާސިލްކޮށްފައި ތިބި ބަޔަކަށް ވާން ޖެހޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމުން ކުރިމަތިލައްވާފައިވާ ބައެއް ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ މީހުން ނޫން ކަމަށާއި އެއީ ކޯލިޝަންގައި ނުހިމެނޭ ބައެއް ކަމަށެވެ.
ވޭތުވެ ދިޔަ ފަސް އަހަރުދުވަހު ޙަސަން ލަތީފް ރައްޔިތުންނަށް ކޮށްދީފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ގާސިމް އޭނާ އަށް ޝުކުރު އަދާކުރެއްވި އެވެ.
"ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޙުސަން ލަތީފަކީ ރައްޔިތުންގެ މަޖިލީހުގައި ހުށައަޅާ ކޮންމެ ޤާނޫނެއް ފުންކޮށް ދިރާސާކޮށް އެއާ ދޭތެރޭ ވިސްނާ، އެ ބޭފުޅުން ދީފައިވާ އިސްލާހު އަދި އެއަށް ދީފައިވާ އަހައްމިއްޔަތު އަހަރުމެން ފާހަގަކުރަން. މިއީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ބޭފުޅަކަށް ކުރެވިފައި އޮތް ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކިނބިދޫ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ ނަހުލާ އަލީގެ ކެމްފެއިން ވެސް ރޭ ވަނީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ