ނަގާ ޕޯލްތަކުން އެމްޑީޕީ ވެއްޓަމުންދާތަން ފެންނަން ފަށައިފި: ގާސިމް

ރިޔާސީ އިންތިހާބުގެ ނަތީޖާ ބެލުމަށް ނަގާ ޕޯލްތަކުން އެމްޑީޕީ "ވެއްޓެމުންދާތަން" ފެންނަން ފަށާފައިވާ ކަމަށް ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުގެ "ހެންވޭރު ދެކުނު ޖަގަހަ" ހުޅުއްވައި ދެއްވަމުން ގާސިމް ވިދާޅުވީ ކުރީގައި ޖުމްހޫރީ ގުޅުމުން މަސައްކަތް ކުރަމުން ގެންދިޔައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނަ އަށް އައުމަށް ކަމަށާއި ނަމަވެސް މިހާރު މަސައްކަތް ކުރަމުން ދަނީ "އެއްފަހަރުން ނިންމާލަން" ކަމަށެވެ.
"މިހާރު މަސައްކަތް ކުރަމުން މިދަނީ ﷲ އިރާދަކުރެއްވިއްޔާ އެއްވަނައަށް އެރުމަށް. ﷲ އިރާދަކުރެއްވިއްޔާ އެކަން ވާނެ. އަޅުގަނޑުމެން އުންމީދު ކުރަމުން މިގެންދަނީ އެއް ފަހަރުން. އާދެ ފުރަތަމަ ވޯޓްލާ ދުވަހު އަޅުގަނޑުމެންނަށް 51 ޕަސެންޓް މަދުވެގެން ލިބިގެންދާނެ ކަމަށް. އިރާދަކުރެއްވިއްޔާ އެއްފަހަރުން ނިމޭނެ ކަމަށް މި މަސައްކަތް ކުރަނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ޖުމްހޫރީ ގުޅުން ކާމިޔާބު ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.
"މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ހަދައިގެން ދައްކާ ވާހަކައެއް ނޫން. އަޅުގަނޑުމެންނާ ގުޅެމުން އަންނަ މީހުންނާ ޒުވާނުން އަދި ދުވަސްވީ ބޭފުޅުންނާއި އިލްމީ ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކުން އަދި އެ ބޭފުޅުންގެ އަމިއްލަ އެސެސްމަންޓްތަކުން ނޫނީވިއްޔާ ޕޯލްތަކުން މި ދެންނެވިހެން އެކަން އެގެމުންދަނީ،" ގާސިމް ވިދާޅުވި އެވެ.
އަދާލަތު ޕާޓީއާއި ގައުމީ ޕާޓީ އާއި އުމަރު ނަސީރު ވެސް ބައިވެރި ވަޑައިގަތް ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމަކީ މިހާރު އެންމެ ގިނަ ޕާޓީތައް ހިމެނޭ ގުޅުން ކަމަށެވެ.
"މި ގުޅުމުގައި މިއަދު އެންމެ ގިނަ ޕާޓީތައް ވެސް ހިމެނިގެން ދަނީ. އަދާލަތު ޕާޓީއާ ގައުމީ ޕާޓީއާ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީއާ އަދި އުމަރު ނަސީރު ހިމެނިވަޑައިގަންނަވާ އެތައް ބައިވަރުން ބޭފުޅުން ހިމެނިވަޑައިގަންނަވާ އެލަޔަންސް ވެސް ހިމެނި ވަޑައިގަންނަވާ. އެއީ މަދުވެގެން 8،000 ނޫނީ 10،000 ހާސް މީހުން އުޅޭނެ ކަމަށް މި ބަލަނީ އެ ބޭފުޅާގެ ]އުމަރު[ ސަޕޯޓަރުން. އަދި އިތުރަށް އެފްއޭގެ ޕާޓީ ވެސް ރަޖިސްޓްރީ ކުރަން ވަނީ ހުށަހަޅާފަ. މުޅި ޖުމްލަ ޖުމްހޫރީ ގުޅުމުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންގެ އަދަދު 60،000 މީހުންނަށް ވުރެ އިތުރު. އެހެންކަމަށް ވަންޏާ ކޮންމެ ބޭފުޅަކު ދެ ވޯޓް ހޯދައިފިއްޔާ ފުރަތަމަ ބުރުން ވެސް ކާމިޔާބު ވާނެ. ﷲ އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ވާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުވަމުން އަންނައިރު، ހުރިހާ ޕާޓީތަކުން ވެސް ޖުމްހޫރީ ގުޅުމަށް އަމާޒުކޮށް އެއްޗިހި ކިޔަން ފަށައިިފި ކަމަށާއި "ފެތިގެންދާއިރު" އެފަދަ ކަންކަން އަމާޒު ވާނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުން ގާސިމް ވިދާޅުވީ "ކެނެރީގޭ މުހައްމަދު ނަޝީދާއި ދެތިން މީހަކު ނޫނީ" އެމްޑީޕީގައި ދެންތިބި ރައްޔިތުންނަކީ ރަނގަޅު މީހުން ކަމަށެވެ. ނަމަވެސް އެ ޕާޓީން މަސައްކަތް ކުރަމުން ގެންދަނީ ބޮޑު ސޯބު އެނބުރޭ ގޮތަށް ކުދި ސޯބު އެނބުރެޔޭ ބުނާ ބީދައިން ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ