ހޯރަފުށީ ދާއިރާގެ މެމްބަރު ހުށަހެޅި ބިލަކީ ގާނޫނު އަސާސީއަށް އަރުވާ ސުނާމީއެއް: ސުއޫދު

އުމުރުން 65 އަހަރު ވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ހޯރަފުށީ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ބިލް ފާސްވެއްޖެ ނަމަ، އެއީ ގާނޫނު އަސާސީ އަށް އަރާނެ "ސުނާމީއެއް" ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ގާނޫނީ ވަކީލު ސުއޫދު ވިދާޅުވި ގޮތުގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްލާއިލް ހުށަހެޅުއްވި ބިލް ގާނޫނު އަސާސީއާ ފުށުއަރަ އެވެ.
އޭނާ ވިދާޅުވީ އެފަދަ އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.
މެމްބަރު މުހައްމަދު އިސްލާހު ހުށަހެޅުއްވީ ގާނޫނު އަސާސީގެ 109 މާއްދާ ާއަށެވެ. އުމުރުން 35 އަހަރުން މަތީގެ ކޮންމެ މީހަކަށް ރައީސް ކަމަށް ވާދަކުރެވޭނެ ކަމަށް އެ މާއްދާގައި ބުނާއިރު، ބިލްގައިވާ ގޮތުން ވެރިކަމަށް ކުރިމަތި ލެވޭނީ އުމުރުން 35 އާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ.
"މީގެން މި ދައްކުވައިދެނީ 65 އަހަރު ހަމަވީމާ ދިވެހި ރައްޔިތުކަން ނިގުޅިގެން ދާކަން. ދިވެހި ރައްޔިތަކަށް ވާ ނަމަ، އިންތިހާބުތަކުގައި ވާދަކުރެވޭނެ. ނަމަވެސް 65 އަހަރު ވީމާ ދިވެހި ރައްޔިތެއްގެ ސިފަ ގެއްލުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތަކަށް އަންނަ ސުނާމީއެއް،" ސުއޫދު ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން ގާނޫނީ އެތައް މައްސަލަތަކެއް ނުކުންނާނެ."
އަސާސީ ހައްގުތަކުގެ ބާބު ފިޔަވައި އެހެން ބާބަކަށް ނުވަތަ މާއްދާއަކަށް ގެންނަ އިސްލާހަކުން ވިޔަސް، އަސާސީ ހައްގަކަށް އުނިކަން އަންނަ ނަމަ އެކަމެއް ފާސްކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވަނީ އިންތިހާބުތަކާއި އެކި މަގާމުތަކަށް ކުރިމަތިލުމަކީ ރައްޔިތުންނަށް ލިބިދޭ ހައްގެއް ކަމަށް. އެހެން މާއްދާއަކަށް ގެންނަ ބަދަލަކުން އެ ހައްގު ނިގުޅައެއް ނުގަނެވޭނެ. ގާނޫނު އަސާސީގެ 262 މާއްދާގެ ށ. ގައި ބުނެފައިވާ ގޮތުގައި އަސާސީ ހައްގަކަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން،" އޭނާ ވިދާޅުވި އެވެ.
ވެރިކަމަށް ވާދަކުރެވޭނީ 35 އަހަރުން މަތީގެ މީހުންނަށް ކަމަށް ގާނޫނު އަސާސީގައި މިހާރު އޮތަސް އެއީ ގާނޫނި މައްސަލައެއް ނޫން ކަމަށް ސުއޫދު ވިދާޅުވި އެވެ.
"އެއީ ގާނޫނު އަސާސީ އިސްލާހުކުރިއިރު، އޮރިޖަނަލީ އޮތް ގޮތް. އެހެނޭ ކިޔާފައި ވެރިކަމަށް ކުރިމަތިލެވޭނީ 65 އަހަރުން ދަށުގެ މީހުންނަށް ކަމަށް މިހާރު ކަނޑައެއް ނޭޅޭނެ. އެކަން ކުރެވޭނީ ރައްޔިތުންގެ އާނބަސް ހޯދައިގެން،" ސުއޫދު ވިދާޅުވި އެވެ.
ދެން އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރެއިން، އެ އިސްލާހުގެ ސަބަބުން، ފުރުސަތު ގެއްލެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެކަންޏެވެ. ގާސިމްގެ އުމުރު 2018 ގައި އުޅޭނީ 66 އަހަރުގަ އެވެ.
މުހައްމަދު "ހަވީރަ"ށް ވިދާޅުވީ ބިލް ހުށަހެޅުއްވީ "ގާސިމަކަށް، ކާސިމަކަށް" އަމާޒުކޮށްގެން ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިވިލް ސާވަންޓުން ވެސް އަދި ފަނޑިޔާރުން ވެސް މުސްކުޅި ކުރާ އުމުރެއް ކަނޑައަޅާފައިވާއިރު، ރައީސް ކަމަށް ވެސް ވާދަކުރެވޭނެ އެންމެ ދޮށީ އުމުރެއް ކަނޑައެޅުން މުހިންމެވެ.
ގާނޫނު އަސާސީ އަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެއީ މަޖިލީގުގެ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންނެވެ. އެކަމަކު އަސާސީ ހައްގުތަކުގެ ބާބާއި ރިޔާސީ ދައުރާއި ރައްޔިތުންގެ މަޖިލިހުގެ ދައުރަށް ބަދަލު ގެންނަ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ