18 އަހަރުން މައްޗަށް ކްލެސިފައި ކޮށްފައިވާ ދިވެހި ފިލްމުތައް ކުޑަކުދިންނަށް ދައްކަމުން އެބަދޭ

ކުޑަކުދިންނަށް ދައްކަން އެކަށީގެން ނުވާތީ ހަމަ އެކަނި 18 އަހަރުން މައްޗަށް ދެއްކުމަށް ނެޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ކްލެސިފައި ކޮށްފައިވާ ބައެއް ފިލްމުތައް ޓިކެޓް ވިއްކައިގެން ފ. ނިލަންދޫގައި ކުޑަކުދިންނަށް ދައްކަމުންދާ ކަމަށް އެ ރަށުން ބުނެފި އެވެ.
ފ. ދަރަނބޫދޫ ރައްޔިތަކު ސަން އަށް މައުލޫމާތު ދެމުން ބުނީ ފ. އަތޮޅުގެ ވެރިރަށް ނިލަންދޫގައި ހުންނަ ޒުވާނުންގެ މަރުކަޒުގައި ކުޑަކުދިންނަށް ދައްކަން އެއްގޮތަކަށް ވެސް އެކަށީގެން ނުވާ ދެ ފިލްމު ފާއިތުވި ދެ ހަފުތާ ތެރޭގައި ދައްކާފައިވާ ކަމަށެވެ. އޭނާ ބުނީ މިހާރު އެމައްސަލަ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް ހުށައަޅާފައިވާ ކަމަށެވެ.
"ނިލަންދޫގައި ފުރަތަމަ ދެއްކީ ދިވެހި ފިލްމު ނިއުމާ. އެއީ 18 އަހަރުން މައްޗަށް ކްލެސިފައި ކޮށްފައި އޮންނަ ފިލްމެ. ދެން މިދިޔަ ހުކުރު ދުވަހު އެޅުވީ ހަމަ އެފަދަ ފިލްމެއްކަމަށްވާ ޝަޒާ. އެފިލްމު ބަލަން މިރަށުން އަށް ކުޑަކުދިން ދިޔަ. އެއީ 13 ، 14 އަހަރުގެ ކުދިން،" މައުލޫމާތު ދިން ފަރާތުން ބުންޏެވެ. އޭނާ ބުނީ ނިލަންދޫގައި އެ ފިލްމު އަޅުވަން ވެގެން ދަރަނބޫދޫގައި ވެސް ޕޯސްޓަރު ހަރުކޮށްފައިވާ ކަމަށެވެ. އަދި ފިލްމު އެޅުވުމުގެ މަސައްކަތުގައި އުޅޭ މީހުން ދަރަނބޫދުއަށް ގޮސް ފިލްމުގެ ޓިކެޓް ވެސް ވިއްކި ކަމަށެވެ.
" އަޅުގަނޑުމެންގެ ބެލެނިވެރިންނަކީ އެހާ ހޭލުން ތެރި ބައެއް ނޫން. އެހެންވީމަ އެމީހުން ދަނީ ދަރިން ވެސް ގޮވައިގެން. ފިލްމު ދައްކާ މީހުން ބެލެނިވެރިންގެ ހޭލުންތެރިކަން ކުޑަކަމުގެ ނާޖާއިޒް ފައިދާ ނަގަނީ،" ދަރަނބޫދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާ ބުނީ ފިލްމު ޝަޒާގެ ޕޯސްޓަރު ހަރުކުރި އިރު އެ ޕޯސްޓަރުގައި އެފިލްމަކީ 18 އަހަރުން މައްޗަށް ކްލެސިފައިކޮށްފައި އޮތް ފިލްމެއްކަން އެނގޭގޮތަށް ފާހަގަކޮށްފައި ނުވާކަމަށެވެ.
" ދަރަނބޫދޫން އެފިލްމު އެ ދެފިލްމު ވެސް ބަލަން ނިލަންދުއަށް ދިޔަ ކުދިންނަށް މިހާރުވެސް އަހުލާގީ ގޮތުން ބަދަލުތަކެއް އައިސްފައިވާ ކަމަށް ދަރަނބޫދޫއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ފ. ނިލަންދޫ ރަށު ކައުންސިލްގެ ރައީސް އަބުދުލް ޖަލީލު އަހުމަދު ވިދާޅުވީ ހުކުރު ދުވަހު އެރަށުގައި ހުންނަ ޒުވާނުންގެ މަރުކަޒުގައި އެ ފިލްމު ދެއްކި ކަމަށާ އެހެން ނަމަވެސް އެ ފިލްމަށް ކުޑަކުދިން ވެއްދި ކަމުގެ ޝަކުވާއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
" ފިލްމަށް ކުޑަކުދިން ވެއްދި ކަމުގެ ޝަކުވާއެއް އަޅުގަނޑުމެންނަކަށް ނުލިބޭ. ނަމަވެސް މިހާރު އަޅުގަނޑުމެން ތިކަންތައް ބަލަން ފަށައިފިން. ޒުވާނުންގެ މަރުކަޒުގެ އިސް ފަރާތްތަކާ ވާހަކަ ދައްކައިގެން މިދަނީ ކަން ހިނގި ގޮތް އުޅުން ފިލުވަމުން،" އަބުދުލް ޖަލީލު ވިދާޅުވިއެވެ.
18 އަހަރުން މައްޗަށް ކްލެސިފައި އޮތް ކޮށްފައި ފިލްމެއް ނިލަންދޫގައި ކުޑަކުދިންނަށް ދެއްކި މައްސަލައެއް ހުށައަޅާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކުޑަ ދެ ކުދިންނަށް އުމުރާ އެކަށީގެން ނުވާ ފިލްމެއް ޕެން ޑްރައިވް އަކަށް އަޅާފައި ދިން މައްސަލައެއް ހުށައަޅާފައިވާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ