ވެރިކަންކުރާ މައި ޕާޓީގެ އިސް މެމްބަރަކު ވަކިކުރުމުން ސްރީލަންކާގެ ސްޕްރީމް ކޯޓުން އެކަން ބާޠިލްކޮށްފި

ސްރީލަންކާގައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ކަމުގައިވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫ.އެން.ޕީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ޕާލަމެންޓް މެމްބަރު ޓިސާ އަޓަނަޔަކެ ޔޫ.އެން.ޕީން ވަކިކުރި ކުރުން އެގައުމުގެ ސްޕްރީމް ކޯޓުން ބާޠިލް ކޮށްފިއެވެ.
ޔުނައިޓެޑް ނޭޝަނަލް ޕާޓީން އަޓަނަޔަކެ ވަކިކުރި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ބުނެފައިވަނީ، ޓިސާ އަޓަނަޔަކެ ޕާޓީން ވަކިކޮށްފައިވަނީ މެމްބަރަކު ވަކި ކުރުމުގައި އަމަލުކުރަން އޮންނަ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށާއި، އެހެން ކަމުން ޔޫ.އެން.ޕީގެ ނިންމުމަކީ ބާޠިލް ނިންމުމެއް ކަމަށެވެ.
މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ލީޑަރުކަން ކުރައްވާ ޔޫ.އެން.ޕީން އަޓަނަޔަކެ ވަކިކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެޕާޓީން އެ ފިޔަވަޅު އެޅީ، ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ހިނގަމުން ދަނިކޮށް، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސެއަށް އޭނާ ތާއީދު ކުރެއްވުމުންނެވެ.
މަހިންދަ ރާޖަޕަކްސެއަށް ތާއީދުކުރައްވައި، ސަރުކާރުގެ ކޭމްޕާއި އަޓަނަޔަކެ ގުޅިވަޑައިގަތުމުން އޭރު ރައީސް ކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސެ ވަނީ އަޓަނަޔަކެ ހެލްތު މިނިސްޓަރގެ މަގާމަށްވެސް އައްޔަން ކުރައްވާފައެވެ.
ހެލްތު މިނިސްޓަރގެ މަގާމު ހުސްވެފައި އޮތީ، ރިޔާސީ އިންތިޚާބުގައި ރާޖަޕަކްސެއާ ދެކޮޅަށް ނުކުންނެވުމަށް ހެލްތު މިނިސްޓަރ ކަމުގައި ހުންނެވި އަދި މިހާރުގެ ރައީސް މައިތްރިޕަލަ ސިރިސޭނާ އިސްތިއުފާ ދެއްވުމުންނެވެ.
ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ނޭޝަނަލް އޮގަނައިޒަރ ދަޔާ ގަމަގެއާ ހަވާލާދީ ސްރީލަންކާގެ މީޑިއާއިން ބުނެފައިވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސެއަށް ތާއީދުކުރި ޔޫ.އެން.ޕީގެ ހުރިހާ މެމްބަރުން ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ