ރައީސް ޔާމީން ތިނަދޫއަށް ގެނެސްދެއްވި ތަރައްޤީ އެ ރަށު ރައްޔިތުން ބަލައިގަނެފި: ނައިބު ރައީސް ޖިހާދު
ރައީސުލްޖުމުހިރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ތިނަދޫއަށް ގެނެސްދެއްވި ތަރައްގީ އެ ރަށު ރައްޔިތުން ބަލައިގެނެފައިވާ ކަމަށާއި އެ ރަށު ރައްޔިތުން ތިބީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ތައްޔާރަށް ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.ތިނަދޫ ޒުވާނުން އިސްނަގައިގެން މިއަދު އެ ރަށުގައި ކުރިއަށް ގެންދިޔަ ހިނގާލުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ ޖިހާދު ވިދާޅުވީ ތިނަދޫއަކީ މި ސަރުކާރުން އެންމެ ގިނަ މަޝްރޫއުތައް ހިންގި އެއް ރަށް ކަމަށާއި އެކަމުން ދޭހަވެގެންދަނީ ރައީސް ޔާމިންގެ ހިތްޕުޅުގައި ތިނަދޫއާ މެދު އޮތް ހާއްސަ ލޯބި ކަމަށެވެ. ނައިބު ރައީސް ވިދާޅުވީ ތިނަދޫއަކީ ތަރައްގީއަށް ލޯބި ކުރާ ހޭލުންތެރި އަދި ތައުލީމީ ބަޔަކު ދިރިއުޅޭ ރަށެއްކަމަށާއި އެ ރަށުގެ ރައްޔިތުން ރައިސް ޔާމީން އެ ރަށަށް ކޮށްދެއްވަމުން ގެންދަވާ ކަންތައްތައް ބަލައިގަންނަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން އެތައް އަހަރަށް ވަންދެން ކޮށްދިން ކަންތައްތަކާއި ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ޒައާމަތުގައި ކޮށްދެއްވި ކަންތައްތައް ނުބައްދަލު ކަމަށެވެ. އަދި ސަރުކާރުން 47 މަޝްރޫއު ތިނަދޫގައި ހިންގެވިއިރު އެއިން ކޮންމެ މަޝްރޫއުއަކީވެސް ތިނަދޫގެ ކުރިމަގާއި ގުޅިފައިވާ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.ތިނަދޫގައި މިއަދު ކުރިއަށް ދިޔަ ހިނގާލުމާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ހަރަކާތް ހިނގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ މުހައްމަދު އާޒިމް (އެންޑީ) ވިދާޅުވީ އެ ހިނގާލުމުގެ ބޭނުމަކީ ރައީސް ޔާމީން އެ ރަށަށް ގެނެސްެއްވަމުން ގެންދަވާ ތަރައްގީ އިހުސާސްކޮށްލުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށާއި ގިނަ އަދަދެއްގެ ޒުވާނުންގެ ތާއިދު ރައީސް ޔާމީނަށް އެބައޮތް ކަމަށެވެ. އަދި އެ ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި ކަމަށް އޭނާ ވިދާޅުވިއެވެ."ހިނގާލުން މި ބޭއްވި މަގުތަކަކީވެސް ރައީސް ޔާމީން ހައްދަވާ ދެއްވާފައިވާ މަގުތަކެއް. މިއީ މި ރަށް ޒުވާނުން ބޭނުންވާ ތަރައްގީއަކީ.މުޅި ތިނަދޫއަށްވެސް ބަލައިލުމުން ފެންނަނީ ރައީސް ޔާމީން ތިނަދޫއަށް ގެނެސްދެއްވި ތަރައްގީގެ ރަމްޒުތައް" އާޒިމް ވިދާޅުވިއެވެ.ތިނަދޫގައި ޕީޕީއެމް އިން ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން އެކަންކަމުގައި އިސްކޮށް އުޅުއްވާ މުހައްމަދު އަބްދުﷲ ދީދީ ވިދާޅުވީ މިރޭ ހާއްސަ ޖަގަހަ އެއް ހުޅުވާފައިވާ ކަމަށާއި އެޖަގަހަ އަކީ ތިނަދޫ ރައްޔިތުންގެ ތެރެއިން ޒުވާނުންގެ އިސްނެންގެވުމުގެ މަތިން ހަދާފައިވާ ޖަގަހައެއް ކަމަށެވެ.ތިނަދޫގައި މިއަދު ކުރިއަށްދިޔަ ހާއްސަ ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި އެމީހުންގެ ޝުއޫރުތައް ފާޅުކޮށް ގަސް އިންދުމުގެ ހާއްސަ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ