އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ފަޅީގައި ހިންދީންނަށް ވަކި އާބާދީތަކެއް ހެދުމަށް އިންޑިއާ ސަރުކާރުން ނިންމުމުން ކަޝްމީރުގެ ރައްޔިތުން ރުޅިގަދަ ވެއްޖެއެވެ.
އިންޑިއާ ސަރުކާރުގެ ނިންމުމާ ދެކޮޅުހެދުމަށް، މިއަދުގެ ހުކުރު ނަމާދަށްފަހު މުޒާހަރާ ކުރަން މަގުތަކަށް ނުކުތް މީހުންނާ ދެކޮޅަށް ފުލުހުންވަނީ ކަރުނަގޭހާއި، މުގުރު ބޭނުން ކޮށްފައެވެ.
އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ފަޅީގެ ވެރިރަށް ޝްރީނަގަރުގައި ކުރި މި މުޒާހަރާގައި އިސްކޮށް ހުރީ ކަޝްމީރުގެ މިނިވަންކަމަށް ތާއީދުކުރާ ޖައްމޫ އެންޑް ކަޝްމީރު ލިބަރޭޝަން ފްރަންޓް (ޖޭ.ކޭ.އެލް.އެފް) ޗެއަރމަން މުޙަންމަދު ޔާސީން މާލިކެވެ.
ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުމަކަށް ދިޔައީ، މުޒާހަރާ ކުރަމުންދިޔަ މީހުން ހުއްޓުވަންވެގެން، މުޙަންމަދު ޔާސީން މާލިކާއި، ޖޭ.ކޭ.އެލް.އެފްގެ އިސްވެރިންތަކެއް ފުލުހުން ހައްޔަރު ކުރުމުންނެވެ. އާންމުން ހުއްޓުވުމަށްޓަކައި ފުލުހުންގެ ބޮޑު ފައުޖަކާއި، ޕެރަމިލިޓަލީ ސިފައިންވެސް ނުކުތެވެ.
އާންމުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އާންމުންނާއި، ފޮޓޮގްރާފަރުންނަށްވެސް އަނިޔާވި ކަމާއި، މިކުރިމަތިލުންތަކުގެ ތެރޭގައި ޔާސީންއަށްވެސް ކޮންމެވެސް ވަރަކަށް އަނިޔާވި ކަމަށް ޚަބަރު ލިބެއެވެ. އިންޑިއާ ސަރުކާރާ ދެކޮޅަށް މިއަދު ކުރި މުޒާހަރާގައި ހިންދީ ފާދިރީންނާއި ހިންދޫންވެސް ބައިވެރިކަމަށް ވެއެވެ.
"ހިންދޫންނާ އަހަރެން ދެކޮޅީކީ ނޫން. އެހެންނަމަވެސް، އެމީހުން ކަޝްމީރުގެ އެހެން ރައްޔިތުންނާ ވަކި ކުރެވިގެން ނުވާނެ. އެގޮތަށް، ހިންދޫންގެ އާބާދީތައް ވަކިން ހަދައިގެން، ކަޝްމީރުގައި ނަސްލީ ދެކޮޅުވެރިކަމާއި ނަފްރަތު ފާރެއް ލެވިގެންދާކަށް ބޭނުމެއް ނޫން" މިއަދުގެ މުޒާހަރާ ފެށުމުގެ ކުރިން ޖައްމޫ އެންޑް ކަޝްމީރު ލިބަރޭޝަން ފްރަންޓްގެ ޗެއަރމަން މުޙަންމަދު ޔާސީން މާލިކު ވިދާޅުވިއެވެ.
މާލިކް ވިދާޅުވީ، ކަޝްމީރުގެ އިންޑިއާ ފަޅީގައި މުސްލިމުންނާއި ހިންދޫން މިހާރުވެސް އުޅޭގޮތަށް ސުލްހަވެރިކަމާއެކު އުޅުމަށް ފުރުސަތު ދޭންޖެހޭނޭ ކަމަށެވެ. އިންޑިއާއިން މަސައްކަތް ކުރަނީ މުސްލިމުންނާއެކު އެއް މުޖުތަމައެއްގައި އުޅޭ ހިންދީން ވަކިކޮށް، އެހެން ތަނެއްގައި އާބާދު ކުރާށެވެ.
ޚަބަރު ލިބޭގޮތުގައި، އިންޑިއާގެ ހޯމް މިނިސްޓަރ ރާޖްނާތު ސިންހް ވަނީ، ކަޝްމީރުގެ ހިންދޫންނަށް ވަކި އަވަށްތަކެއް އާބާދު ކުރުމަށްޓަކައި ބިން ދިނުމަށް ކަޝްމީރުގެ އިންޑިއާ ފަޅީގެ ޗީފް މިނިސްޓަރ މުފްތީ މުހަންމަދު ސައީދުގެ ކިބައިން އެދިވަޑައި ގެންފައެވެ. އަދި ބިން ދެއްވުމަށް އޭނާ އެއްބަސްވެ ވަޑައިގެންނެވި ކަމަށްވެސް ޚަބަރު ލިބެއެވެ.
މިކަމާ ކަޝްމީރުގެ ރައްޔިތުންގެ އިތުރުން، އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ގެންދަނީ ދެކޮޅު ހަދަމުންނެވެ.
ހިންދީންނަށް ވަކި އާބާދީތަކެއް ހެދުމަށް އިންޑިއާ ސަރުކާރުން ނިންމުމުން ކަޝްމީރުގެ ރައްޔިތުން ރުޅިގަދަ ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ