ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ޖޭޕީ އަށް ސޮއިކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީ(ޖޭޕީ) އަށް ދެންމެ ސޮއިކުރައްވައިފި އެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު ޖޭޕީ އަށް ސޮއިކުރެއްވީ މިއަދު ހަވީރު އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ޖޭޕީއަށް ސޮއި ކުރެއްވުމަށް ފަހު އަހުމަދު ރަޝީދު ވިދާޅުވީ ދިވެހި ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކޯލިޝަން ސަރުކާރެއް ހޮވި ހިސާބުން އޭނާގެ ވިސްނުންފުޅު ބަދަލުވެފައިވާ ކަމަށާއި އެ ދުވަހުން ފެށިގެން އޭނާގެ ފިކުރަކީ ކޯލިޝަން ފިކުރު ކަމަށެވެ. އަދި ވިދާޅުވީ އޭނާ ބޭނުންފުޅު ވަނީ ތަރައްގީ ކަމަށާއި ރައްޔިތުންނަށް ތަރައްގީ ހޯދައިދެވޭނީ ކޯލިޝަން ކެންޑިޑޭޓުންނަށް ވޯޓު ދީގެން ކަމަށެވެ. އަހުމަދު ރަޝީދު ޖޭޕީ އަށް ސޮއިކުރެއްވުމުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އަހުމަދު ރަޝީދަކީ އެމްޑީޕީގައި ހުންނަވައިގެން ވެސް ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރައްވައި އަދި ޑިމޮކްރަސީ ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.ގާސިމް ވިދާޅުވީ ޖޭޕީން ގެންގުޅޭ އުސޫލަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ޕްރައިމަރީއަކާ ނުލައި އިންތިޚާބުގައި ވާދާކުރެއްވުމުގެ ފުރުސަތު ދިނުން ކަމަށާއި އެ އުސޫލުގެ ދަށުން އަހްމަދު ރަޝީދަށް ވެސް އެ ޕާޓީގެ ޓިކެޓުގައި ހޯރަފުށީ ދާއިރާ އަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.ޖޭޕީގެ ޓިކެޓުގައި ހޯރަފުށީ ދާއިރާ އަށް އަހްމަދު ރަޝީދު ވާދަކުރެއްވުމަށް ޕީޕީއެމާއި އެމްޑީއޭ އިން އެއްބަސްވެފައިވޭތޯ ދެންނެވުމުން ގާސިމް ވިދާޅުވީ ޖޭޕީގެ މަޖިލީސް މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ޓިކެޓު ލިބެންޖެހޭނެ ކަމަށެވެ."އަޅުނގަޑުމެންގެ ޕާޓީގެ ތިބި މެންބަރުންނަށް ސީޓް ލިބެންޖެހޭނެ. އެއީ އަޅުނގަޑުމެން ގަބޫލުކުރާ ގޮތް. އެ އުސޫލުން ވަކާލާކު ކުރާނަން އެކަން ވުމަށް،" ގާސިމް ވިދާޅުވި އެވެ. ޖޭޕީ އާއި ގުޅިވަޑައިގަތުމަށް ފަހު އަހްމަދު ރަޝީދު ވިދާޅުވީ އެ ޕާޓީ އާ ގުޅިވަޑައިގަތުމުން އެމްޑީޕީގެ މެންބަރުންނަށް "ޝޮކެއް" ލިބިގެންދާނެ ކަމަށާއި ނަމަވެސް، ވާދަވެރި ޕާޓީ އަށް ވުރެ ރައްޔިތުންގެ މަޖިލިސް މިހާރު މުހިއްމީ ސަރުކާރު ހިންގާ ކޯލިޝަނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އެންމެ ފަހުވަގުތާ ޖެހެންދެން ވެސް އަޅުނގަޑު މަސައްކަތްކުރިން އެމްޑީޕީ ވެރިކަމަށް ހޮވޭތޯ. ނަމަވެސް ރައްޔިތުން ނިންމީ ކޯލިޝަންގެ ވެރިކަމެކޭ ދެން ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި އޮންނާނީ. މިއީ ޖޭޕީއަށް ސޮއިކުރުމުގެ އެއް ސަބަބު. އަނެއް ސަބަބަކީ ޖޭޕީގެ ލީޑަރަކީ ގައުމަށް އިހްލާސްތެރި ރައްޔިތުންނަށް އަމިއްލަފުޅުން ފައިދާ އާއި މަންފާ މިއަދުވެސް ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާތީ،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.ޖޭޕީއާއި ގުޅިވަޑައިގަތީ ފައިސާއަކަށް ނޫން ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ