މާމިގިލީ މުއައްސަސާތަކުގެ ބޭފުޅުންނާ ޖޭޕީ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ބައްދަލުކުރައްވައިފި

އދ މާމިގިލީގެ އެކި މުއައްސަސާތަކާ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ އެމަނިކުފާނުގެ ރަނިންގްމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދެވުމަށް އައިޝަތު ނަހުލާ އިއްޔެ އަރިއަތޮޅަށް ފެއްޓެވި މިދަތުރުފުޅުގެ ތެރެއިން އެކަމަނާ ގެންދަވަނީ އެއަތޮޅުގެ އެކިރައްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ޖޭޕީގެ ކައުންސިލް މެމްބަރު އައިޝާ މިއަދުވަނީ އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަން ރަށް ކަމުގައި މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެރަށުގެ އެކި މުއައްސަސާތަކާވެސް ބައްދަލު ކުރައްވާފައެވެ.
އެގޮތުން މާމިގިލީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާ ރަށުގެ ހާލަތާއި، ރައްޔިތުން ބޭނުންޖެހިފައިހުރި ކަންތައްތައް ވަނީ އޮޅުންފިލުއްވާފައެވެ. އަދި ތަޢުލީމީ ދައިރާގަ ހުރި ގޮންޖެހުންތައް ދެނެގަތުމަށް މާމިގިލީ ސްކޫލްގެ ބޭފުޅުންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވަ ސިއްހީ ދާއިރާގެ މައްސަލަތައް ދެނެގަތުމަށް އައިޝާވަނީ މާމިގިލީ ސިއްހީ މަރުކަޒުގެ ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާފައެވެ. މީގެއިތުރުން އެރަށުގެ ޒުވާނުންނާ ވެސް ބައްދަލުކުރައްވާ ޒުވާނުންގެ ޝުޢޫރުތައް އެކަމަނާވަނީ އަޑުއައްސަވާފައެވެ.
މިބައްދަލުވުންތަކުގައި ޖޭޕީގެ ކައުންސިލް މެބަރުންނާ އިސްބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ