އަބްދުﷲ: ކިޔަވައިދިނުމާއި ކިޔެވުމުގައިވެސް ނަމޫނާ ލީޑަރެއް

މިއަދުގެ މެހްމާނަކީ ލީޑާޝިޕް ރަނގަޅު ހިންގުންތެރިއެކެވެ. ކިޔެވުމާއި ކިޔަވައިދިނުމަށް އޭނާ އަބަދުވެސް ލޯބި ކުރައްވަ އެވެ. އޭނާއަކީ މީހުންގެ އިހްތިރާމާއި އިތުބާރު ހޯއްދަވާފައިވާ މަޑުމައިތިރި ޝަހުސިއްޔަތެކެވެ. ހަވާލުކުރެވޭ މަސައްކަތްތަކާއި އަދާކުރަންޖެހޭ ޒިންމާ ފުރިހަމަކުރުމުގައި މިއީ ނަޒާހަތްތެރި ބޭފުޅެކެވެ. ނިކަމެތި އާއިލާއަކަށް ނިސްބަތްވި ނަމަވެސް އޭނާ ކުރިއަރާ ދިޔައީ ގަދަ ހިތްވަރާއެކު ކުރި މަސައްކަތުންނެވެ. އެކަމުގެ ހެއްކަކީ ދެ ދާއިރާއަކުން އޭނާއަށް ޑަބްލް ޑިގްރީއެއް ލިބިލެއްވުމެވެ. އަދި މިހާރު އޭނާ އެހުންނެވީ ޑަބަލް މާސްޓާސް ލިބުމުގެ މަގުމަތީގަ އެވެ.
މިއަދުގެ މެހްމާނަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސެކްރެެޓަރީ ޖެނަރަލް އަބްދުﷲ ރަޝީދު އެވެ. އުމުރުން 43 އަހަރުގެ އަބްދުﷲ ރަޝީދު އުފަންވީ ރ. އަތޮޅުގެ ގާމަތި ރަށެއް ކަމަށްވާ ރ. އުނގުލު އަށެވެ. އާދައިގެ އާއިލާއަކަށް ނިސްބަތްވާ އަބްދުﷲ އަކީ އެއްބަނޑު އެއްބަފާ ހަ ކުދިން ތިބި އާއިލާގެ ތިންވަނަ ބޭފުޅާ އެވެ. އަލަތު ކައިވެނި މަތީގައި ދިރިއުޅެމުންދާތާ 19 އަހަރު ވެފައިވާއިރު އަބްދުﷲގެ އަންހެނުންނަކީ ވެސް އޭނާ ފަދައިން އިލްމީ ބޭކަނބަލެކެވެ.
އަބްދުﷲ ތައުލީމީ ހަޔާތް ފެއްޓެވީ ރ. އުނގުލު މަކުތަބުންނެވެ. އެރަށުގައި އޭރު ކިޔަވައިދޭ އެންމެ މަތީ ގުރޭޑް ކަމަށްވާ ގުރޭޑް ހަތަކަށް ކިޔަވާ ވިދާޅުވި އެވެ. އުނގުލު ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސާ އެރަށުގެ ރައްޔިތުން ރ. ހުޅުދުއްފާރަށް އޭރުގެ ސަރުކާރުން ބަދަލުކުރުމާއި ގުޅިގެން އަބްދުﷲ އެންމެ ފުރަތަމަ މާލެ ދުރުވީ 1988 ވަނަ އަހަރު އެވެ. އޭރު އޭނާގެ އުމުރުން 12 އަހަރެވެ. ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ދިވެހިން ކުރިމަތިލިއިރު އަބްދުﷲ ހުންނެވީ މާލޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ