ސަރުކާރުގެ ފަރާތުން ޕައިރަސީގެ ކުށްތަކުގެ ބިލް ގާސިމް މަޖިލީހަށް ހުށަހަޅުއްވައިފި

"ޕައިރަސީ އާއި އެއާ ގުޅޭ އެހެން ކުށްތަކުގެ ބިލް"ގެ ނަމުގައި ސަރުކާރުގެ ފަރާތުން މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފި އެވެ.
ގާސިމް ހުށަހަޅުއްވާފައިވާ ބިލުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގަ އާއި އެހެން ގައުމެއްގެ ސަރަހައްދުގެ ގޮތުގައި ނުހިމެނޭ ކަނޑުތަކުގައި ހިންގާ ޕައިރެސީގެ ކުށްތައް ހުއްޓުވުމާއި އަދަބު ކަނޑައެޅުމުގެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.
ބިލުގައިވާ ގޮތުން ޕައިރަސީގެ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 25 އަހަރަށް ޖަލަށް ލުމެވެ. އަދި ޕައިރަސީ ކުށުގެ ތެރޭގައި މީހަކު މަރުވެއްޖެ ނަމަ، އެ އަމަލު ހިންގި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބުގެ އިތުރަށް 30 އަހަރަށް ޖަލަށްލުމެވެ. އެފަދަ އަމަލެއް ހިންގަނިކޮށް، މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަމެއް ކުރި މީހަކު 15 އަހަރަށް ޖަލަށްލުމަށާއި ޕައިރެސީ އަމަލުތައް ރޭވައި އެހީތެރިވެއްޖެ މީހަކު 10 އަހަރަށް ޖަލަށްލެވޭނެ ކަމަށް އެ ބިލުގައިބުނެ އެވެ.
އާމްޑް ރޮބަރީ އަމަލެއް ހިންގައި، އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 30 އަހަރަށް ޖަލަށްލުން ކަމަށް ބިލުގައި ބުނެ އެވެ. އަދި އާމްޑް ރޮބަރީ އަމަލެއްގައި މީހަކު މަރުވެއްޖެ ނަމަ އިސްމާލީ ޝަރީތުގައިވާ އަދަބުގެ، އިތުރަށް 30 އަހަރަށް ޖަލަށްލުމާއި އެފަދަ އަމަލެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އަމަލެއް ކުރި މީހަކު 25 އަހަރަށް ޖަލު ހުކުމެއް ތަންޒީފު ކުރަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.
ބިލުގައިވާ ގޮތުން ޕައިރަސީގެ އަމަލުތައް ހުއްޓުވުމުގެ ބާރާއި އެފަދަ މީހުން ހައްޔަރު ކުރުމާއި ޕައިރޭޓުންގެ އުޅަނދުތައް ހިފަހައްޓައި ބެލުމުގެ ބާރު ލިބިދީފައި ވަނީ ގައުމީ ދިފާއީ ބާރަށާއި ދިވެހި ފުލުހުންނަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ނުވަތަ އެއްވެސް ގައުމެއްގެ ސަރަހައްދެއް ކަމުގައި ނުވާ ސަރަހައްދަކުން ޕައިރަސީގެ ކުށުގެއް ތުހުމަތެއް ކުރެވޭ މީހަކު ހައްޔަރު ކުރުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކުރެވޭނަމަ، އެ މީހަކު ހައްޔަރު ކުރިތާ 24 ގަޑިއިރު ތެރޭގައި އޯޑިއޯ ނުވަތަ ވީޑިއޯގެ ޒަރިއްޔާއިން އެ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ އެދެންވާނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ކަނޑުފޭރުމުގެ މައްސަލަތަކުގައި ސިފައިން ހައްޔަރު ކުރާ މީހުން ހަވާލު ކުރަންޖެހޭނީ ފުލުހުންނަށް ކަމަށް އެ ބިލުގައި ބުނެ އެވެ.
ބިލުގައި ބުނާ ގޮތުން އެއްވެސް ބާވަތެއްގެ ބިރެއް ދައްކައިގެން ނުވަތަ ބާރުގެ ބޭނުންކޮށްގެން، އޭނާގެ ބާރުގެ ދަށަށް އުޅަނދެއް ގެނެސްފިނަމަ އެއީ ރަހީނު ކުރުން ކަމަށް ބެލެވޭނެ އެވެ. އަދި އުނޅަދެއް އެއްތަނުން އަނެއްތަނަށް ދިއުމަށް ހުރަސްއެޅުމަކީ ވެސް ކުށެއް ކަމަށް ވެސް އެ ބިލުގައި ބުނެ އެވެ. އަދި އެފަދަ ކުށުގެ އަދަބެއްގެ ގޮތުން އެ އަމަލު ހިންގި މީހަކު 15 އަހަރަލަށް ޖަލަށްލެވޭނެ ކަމަށާއި ރަހީނު ކުރުމާއި އުނޅަދަކަށް ގެއްލުން ދިން މީހެއްގެ އަތުން ބަދަލު ނެގޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެފަދަ އަމަލެއް ހިންގި މީހަކު އެއްލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.
އުޅަނދެއްގެ ނިޔަމިކަމަށް ހުރަސް އެޅުމަކީ ވެސް ކުށެއް ކަމަށް ޕަރަސީގެ އަމަލު ހުއްޓުވުމުގެ ބިލުގައިބުނެ އެވެ. އަދި އުޅަނދެއްގެ ނިޔަމި ކަމަށް ހުރަސް އަޅައިފި މީހަކު 15 އަހަރަށް ޖަލަށް ލެވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެ އެވެ.
ބިލުގައިވާ ގޮތުން ޕައިރަސީގެ ކުށަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުތައް ދައުލަތައް ނެގޭނެ އެވެ.
ސަރުކާރުގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މަޖިލީހަށް ބިލެއް ހުށަހެޅުއްވި އިރު، އެއީ ސަރުކާރުގެ ފަރާތުން ޖުމްހޫރީ ޕާޓީން މަޖިލީހަށް ހުށަހެޅުއްވި ފުރަތަމަ ބިލެވެ. ނަމަވެސް ޕީޕީއެމްއާއި ޑީއާރްޕީ ވެސް ވަނީ ބިލްތަކެއް މަޖިލީހަށް ހުށަހަޅާފަ އެވެ.
ސަރުކާރުގެ ފަރާތުން ސަރުކާރުގެ ކޯލިޝަން ޕާޓީތަކުން މަޖިލީހަށް ބިލް ހުށަހަޅަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ނެތުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ