ރައްޔިތުންގެ މެދުގައި ލާމަރުކަޒީ ނިޒާމަކީ މާ މަޤުބޫލު ނިޒާމެއްނޫން - މިނިސްޓަރ ޝައިނީ

ކުރީގެ ސަރުކާރުތަކުގައި ކައުންސިލްތައް މަސައްކަތް ކުރައްވާފައި ހުރި ގޮތުން ރައްޔިތުންގެ މެދުގައި ލާމަރުކަޒީ ނިޒާމަކީ އެހާ މަޤްބޫލު ނިޒާމެއް ނޫންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، ސިޓީ ކައުންސިލްތަކުން ކަންތައްތައް ކުރައްވާފައި ހުރި ގޮތުން ސަރުކާރުން ކައުންސިލްތަކުގެ ޤާނޫނާއި ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް އިޞްލާޙްތައް ގެންނަވަން މަޖުބޫރުވެގެން ދިޔަކަމަށެވެ.
ކައުންސިލްތަކުން ސަރުކާރަށް ޖެއްސުން ކުރެއްވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރައްވާކަމަށާއި, ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކަށް ގެންނަވަމުން އަންނަ ތަރައްޤީއަށް ކައުންސިލްތަކުން ހުރަސް އަޅުއްވާކަމަށްވެސް ފިޝަރީޒް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިނިސްޓަރ ޝައިނީ އިތުރަށް ވިދާޅުވީ ކައުންސިލްތަކުން ހިފެހެއްޓިއަސް އަދި ނުހިފެއްޓިއަސް ސަރުކާރުން ރާއްޖެއަށް ތަރައްޤީ ގެންނަވަމުން ގެންދަވާނެ ކަމަށާއި, ކައުންސިލް ނިޒާމު ނުވަތަ ލާމަރުކަޒީ ނިޒާމަށް ރައްޔިތުން ހޭނެން ދުވަސް ހޭދަވާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ނަތީޖާގެ ސަބަބުން ރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ އެއްވެސް މަސައްކަތަކަށް ހުރަސްއެޅިގެން ނުދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ