ހަކަތައިގެ ދާއިރާގެ މަގުޗާޓު މުރާޖާ ކުރަން މަޝްވަރާ ބައްދަލުވުމެއް

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ މަގުޗާޓު، މުރާޖައާކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކާއި އެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނީ، 2030 ވަނަ އަހަރާ ހަމައަށް ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ދިވެރިރާއްޖެއިން ކުރުމަށް ކަނޑައަޅާ ކަންކަން ހިމަނައިގެން އެކުލަވާލާފައިވާ މިމަގުޗާޓަކީ ސަރުކާރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް ބިނާކޮށް، އޭގައިވާ ލަނޑުދަނޑިތައް ހާސިލުވާނެގޮތަށް، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ މަގުޗާޓެއް ކަމަށެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ) ގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މިވާކްޝޮޕަކީ ދިވެހިރާއްޖޭގެ ހަކަތައިގެ ރޯޑްމެޕް މުރާޖަޢާކުރުމާ ގުޅޭގޮތުން ކުރިއަށް ގެންގޮސްފައިވާ މަޝްވަރާތަކުން ފާހަގަ ކުރެވިފައިވާ ކަންކަން ހުށަހަޅައިދީ އެކަންކަމާއި ގުޅިގެން އިތުރަށް ހިޔާލުހޯދުމަށް ބާއްވާ ވާކްޝޮޕެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، މިމުރާޖައާކުރާ ރޯޑްމެޕު ވެގެންދާނީ ހަކަތަގެ ދާއިރާ އިތުރަށް ތަރައްގީކޮށް، މުސްތަގުބަލަށް ސާފު، ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއަކަށް މަގުދައްކާނެ އެއްޗަކަށް ކަމަށެވެ.
މި ރޯޑްމެޕުގައި ރާއްޖޭގައި ހަކަތަ އުފެއްދުމަށް ބޭނުންކުރެވިދާނެ ތަފާތު އިއާދަކުރަނިވި ހަކަތައި ވަސީލަތްތަކުގެ މައުލޫމާތާއި، ހަތަކަ އިސްރާފުކުރުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއި މިކަންކަން ކުރުމަށް ފައިސާ ބޭނުންވާނެ މިންވަރާއި އަދި މީގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް އަންނާނެ ހެޔޮ ބަދަލުގެ ތަފްސީލު ހިމެނިފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖެއިން މަސައްކަތް ކުރަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ކާބަން ގައުމަކަށް ހެދުމަށްކަމުން، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށް އެދާއިރާ ތަރަށްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތުގައި އޭޑީބީ އަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްފަރާތް ކަމަށް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ