ނޯވޭ ހުއްޓުވޭނެ ގޮތެއް ނޯވޭ؛ 'ފަލި ޖަހަމުން' އެ ދިޔައީ ގަދަ 16އަށް

އައިވަރީ ކޯސްޓު ބަލިކޮށް، 28 އަހަރު ފަހުން، ނޯވޭ ފީފާ ވޯލްޑް ކަޕްގެ ގަދަ 16އަށް މިރޭ ދަތުރުކޮށްފި އެވެ. ނޯވޭ މި މުބާރާތަށް ކޮލިފައިވީ ވެސް 28 އަހަރު ފަހުންނެވެ.
ފުރަތަމަ ހާފުގެ 30 ވަރަކަށް މިނެޓުގައި މެޗު ކޮންޓްރޯލްކުރީ އައިވަރީ ކޯސްޓުންނެވެ. ކޯނަރުން ގޯލު ޖެހޭ ނަމަ އައިވަރީ ކޯސްޓުން ގޯލެއް ޖެހީހެވެ. ފުރަތަމަ ހާފުގައި އެކަނި ވެސް ނުވަ ކޯނަރު އައިވަރީ ކޯސްޓަށް ލިބުނެވެ. އެކަމަކު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.
ނޯވޭއަށް ދިރުން ލިބުނީ ހާފު ނިމެން ކައިރިވެފައިވަނިކޮށެވެ. އޭގެ ނަތީޖާއަކީ މެޗުގެ 39 ވަނަ މިނެޓުގައި އެންޓޯނިއޯ ނޫސާ، އައިވަރީ ކޯސްޓުގެ ޕެނަލްޓީ އޭރިއާގެ ވައަތު ފަޅިން ޖެހި ހިތްގައިމު ގޯލެވެ.
އައިވަރީ ކޯސްޓުގެ ޖަވާބު އައީ މެޗުގެ 74 ވަނަ މިނެޓުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އައިވަރީ ކޯސްޓުގެ މެންޗަސްޓާ ޔުނައިޓެޑަށް ކުޅޭ ވިންގަރު އަމަދު ޑިއާލޯ، ނޯވޭގެ ޑިފެންސް ލައިން ތޮރުފާލާފައި ދިޔައިރު، ޑިފެންޑަރުން ތިބީ ހަދާނެ ނަހަދާނެ ގޮތެއް ނޭނގިފަ އެވެ.
މުޅި ނޯވޭގެ ޑިފެންސް ލައިން 'ޖީބަށް ޖަހާލައިގެން' ގޮސް އޭނާ ފޮނުވާލި ޝޮޓު އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އެއީ މި މުބާރާތުގައި ވެސް ފެނުނު އެންމެ ހިތްގައިމު އެއް ގޯލެވެ.
ނޯވޭއިން މެޗުގެ ލީޑު ދެ ވަނަ ފަހަރަށް ނެގީ 86 ވަނަ މިނެޓުގަ އެވެ. ހައިރާން ނުވާށެވެ. އާލިން ހާލެންޑަށް މާ ގިނަ ފުރުސަތުތަކެއް ދޭކަށް ނުޖެހޭނެ އެވެ. ޕެޓްރިކް ބާގު، އައިވަރީ ކޯސްޓުގެ ޕެނަލްޓީ އޭރިއާ އަރިމަތިން ދިން ތުރޫ ޕާސް ލިބުނުއިރު ހާލެންޑު ހުރީ މާކު ނުކޮށެވެ. އެ ހިސާބުން ދެން ވީ ގޮތް އެ އޮތީ މެޗުގެ ނަތީޖާއިން ފެންނާށެވެ. މެޗު ނިމުނީ 2-1އިން ނޯވޭ ކުރީގައި އޮވެގެންނެވެ.
ނޯވޭ މީހުންގެ ކާބަފައިން މީގެ އެތައް ގަރުނެއް ކުރިން ފަލި ޖަހަމުން ދިޔައީ ކަނޑުގެ ބިޔަ ރާޅުތައް ކަޑައްތުކޮށް އާ ބިންތަކާއި ބައްރުތައް ހޯދުމަށެވެ. މިއަދު ނޯވޭގެ ކުޅުންތެރިން ދަނޑު މަތިން އަދި އެ ގައުމުގެ ސަޕޯޓަރުން ދަނޑުގައި ތިބެ ދައްކަމުން އެ އަންނަނީ އެ ރޫހެވެ. ކޮންމެ މެޗެއް ނިންމާފައި އުފާ ފާޅުކުރުމުގެ ގޮތުން ދަނޑުގައި ތިބެ ހުސް އަތާ ފަލި ޖަހަ އެވެ. ފޯރި އަރުވަން މެޗު ކުޅެމުންދާ ވަގުތުގައި ސަޕޯޓަރުން ވެސް ދޭތެރެއަކުން ފަލިޖަހައި، އަޑު ގަދަކުރެ އެވެ.
މި މެޗުން މޮޅުވުމާ އެކު މުބާރާތުގެ ގަދަ 16ގައި ނޯވޭއިން ނުކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ