ރައީސް ނަޝީދަކީ ހިހޫތަނުން ކައިގެން ކުރި ހޯދާ ބޭފުޅެއް ނޫން، ފަސޭހަ މަގެއް ވެސް ނުހޯދާ: އިންތި

ރައީސް މުހައްމަދު ނަޝީދަކީ ”ހިހޫތަނުން ކައިގެން“ ނުވަތަ ފަސޭހަ މަގަކުން ކަންކަން ހާސިލުކޮށް، ކާމިޔާބީ ހޯއްދެވި ބޭފުޅެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރައީސް ނަޝީދު ވާދަ ކުރައްވާތީ ބައެއް ފަރާތްތަކުން އެމަނިކުފާނަށް ފާޑުކިއުން އަމާޒުކޮށް ދަނީ، ޒުވާނުންނަށް ފުރުސަތު ދޭން ގޮވާލަމުންނެވެ. ނުވަތަ ރައީސް ނަޝީދު ނޫން އެހެން ބޭފުޅަކު މަގާމަށް ގެނައުމަށް ގޮވާލަމުންނެވެ.
މިކަމާއި ގުޅޭގޮތުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އިމްތިޔާޒް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީއަށް ކުއްލި ކުއްލިއަށް ގެންނަ ބަދަލުތަކާއި، ގައުމުގެ މާލިއްޔަތާއި އިގްތިސާދީ ހާލަތު ދަށަށްދާ މިންވަރާ މެދު އިންތިހާއަށް ކަންބޮޑުވުން އެބަހުއްޓެވެ. އަދި މިފަދަ ބޮޑެތި މައްސަލަތައް ހުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ ކިބައިން ފެންނަންޖެހޭ ވަރުގަދަ ރިއެކްޝަން އެމްޑީޕީގެ ތެރެއިން ނުފެންނަ ކަމުގެ ޝަކުވާ ރައްޔިތުންގެ މެދުގައި އޮތްކަން ފާހަގަކުރެވޭކަމަށް ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ވަރަށް ބޮޑަށް އިންތިޒާމު ކުރެވި، ރޭވިގެން ހަރަކާތްތައް ކުރިޔަށް ގެންދާ ޕާޓީއެކެވެ. ހާއްސަކޮށް އިދިކޮޅުގައި އޮވެ ޕާޓީ ވަރުގަދަ ބޮޑެތި ޖަލްސާތައް ބާއްވާއިރު، މިއަދު އެ ކުލަ ފަނޑުވުމަކީ އާންމު ރައްޔިތުން ބަލައިގަންނާނެކަމެއް ނޫންކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. އެކަމަކު މިއަދު އަނެއްކާވެސް ޕާޓީގެ އެތެރޭގެ ފޯރި އަނެއްކާވެސް ގަދަވަމުންދާއިރު އެއީ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް އުފެދުނު ފޯރިކަމަށް އިމްތިޔާޒް ވިދާޅުވި އެވެ. އެހެންކަމުން އަލުން އެ ޖޯޝު ހިފާފައިވުމާއި އެކު، އެމްޑީޕީ ކުރިޔެކޭ ވެސް އެއްގޮތަށް ކުރިޔަށް ދިއުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
ކުރީގައި އެމްޑީޕީން ފެންނަ ފަދަ އެ ވަރުގަދަ ޖޯޝާއި ހިތްވަރުގައި ބަޔަކު ނުކުމެ އުޅޭތަން ފެނުން މަދުވެފައި އޮތުމަށްފަހު، މިހާރު މިވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބާއި ޗެއަރޕާސަން ކަމުގެ ފޯރިއާއެކު މުޅި ރާއްޖޭގައި އެ ޖޯޝު އަލުން ހިފާފައި
މި ޖޯޝު އުފެދިގެން އައި ސަބަބެއްކަމަށް އިމްތިޔާޒް ވިދާޅުވީ، ރައީސް ނަޝީދު ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވުމެވެ. އެމަނިކުފާނަކީ ކޮންމެ ކަމަކާއި ކުރިމަތިލައްވައި ނިކުންނެވިޔަސް ނުވަތަ ސީދާ ހަރަކާތަށް ނިކުންނަވާނަމަ އަބަދުވެސް ގިނަ އެއްވުންތައް ބާއްވައި މަޝްވަރާކޮށް ބަހުސް ކުރައްވާ ބޭފުޅެއްކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
މި މަސައްކަތުގައި ރައީސް މުޙައްމަދު ނަޝީދު ގެންގުޅުއްވާ ސްޓްރެޓެޖީތަކާއި ޓެކްޓިކްސްތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން އިމްތިޔާޒް ވިދާޅުވީ، ރައީސް ނަޝީދަކީ އަބަދުވެސް ގައުމީ ފެންވަރުގެ ބޮޑެތި ބަދަލުތަކުގެ ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ސަރުކާރާ އެކު މަޝްވަރާ ކުރުމުގެ ޖާގަ ހޯދުމަށާއި، ޕާޓީގެ އެތެރޭގައާއި ގައުމީ ފެންވަރުގައި މަޝްވަރާތައް ހިންގުމަށް ރައީސް ނަޝީދު އިސްނަންގަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްގެން ނަމަވެސް ސަފުތައް ރުކުރުވާލާނެކަން މިއަދުވެސް ސާފުކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
ޗެއާޕާސަންކަމަށް ރައީސް ނަޝީދު ވާދަކުރައްވާތީ، އައު ފަރާތްތަކަށް ފުރުސަތުދީ ޒުވާނުންނަށް ޖާގަ ތަނަވަސްކޮށްދޭން ޖެހޭކަމަށް ބުނެ އަމާޒު ކުރާ ފާޑުކިއުންތަކަށް އިމްތިޔާޒް ވިދާޅުވީ ކަންކަން ހައްލު ކުރުމުގެ ވިސްނުން ހުރީ ރައީސް ނަޝީދުގެ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ކޮންމެކަމެއް ދިމާވި ނަމަވެސް، ކުރީގެ ކަންކަން ދޫކޮށްލައްވައި މަޝްވަރާކޮށް އެކުގައި މަސައްކަތް ކުރާނެ ބޭފުޅެއްކަމަށް ވިދާޅުވި އެވެ. ފައްޔާޒާއި އެކު ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަކީ އޭގެ ހެއްކެއްކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވީ، ރައީސް ނަޝީދަކީ ”ހިހޫތަނުން ކައިގެން“ ނުވަތަ ފަސޭހަ މަގަކުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަށް ލިބުނު އެފަދަ ކާމިޔާބެއް ނުވަތަ ކުރިއެރުމެއް ވެސް ނެތްކަމަށާއި، ކޮންމެކަމެއް ވެސް ހާސިލު ކުރެއްވީ ފަހަރަކު ކަމެއް ކަޑައްތު ކުރައްވަމުން ގޮސްކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
ވަރަށް ޒުވާން ބޭފުޅެއް. ހުރިހާ މަރުހަލާތަކެއް ކަޑަތު ކުރައްވައިގެން އިންގޭތޯ، އެއްގޮތަކަށްވެސް އެކަހަލަ ހީހޫތަނުން ކެއުން.. ކެވުމޭ މި ބުނާ ގޮތަކަށް އެހެން މިހެން މިހެން ގޮސް ވެރިކަމަށް ހަމައެސް ވަޑައިގެންނެވި ބޭފުޅެއް ނޫން. ހުރިހާ މަރުޙަލާތަކެއް ކަޑަތު ކުރައްވައިގެން މިހާ ހިސާބަށް ވަޑައިގެންނެވި ބޭފުޅެއް. އެ ބޭފުޅާ އޭރުގައިވެސް އެ ގެންގުޅެވި، އެ ޖޯޝާ، އެ ވިސްނުންފުޅާ، ޤައުމާ މެދު ގެންގުޅުއްވާ ތަސައްވަރާ، މި ހުރިހާ ކަމެއް އަދިވެސް ހަމަ އެ ބޭފުޅާގެ ކިބައިން އަޅުގަނޑުމެން އެންމެނަށްވެސް އެބަ ފެނޭ. ރައީސް ނަޝީދު މިކަމަށް ނުކުމެ ވަޑައިގަތުމާ އެކުގައި ހަމަ އެހެން ފަރާތްތަކުގެ އަޑު ގަދަވެގެން ކެނޑިގެން ހިނގައްޖެ.
މީގެއިތުރުން އިމްތިޔާޒް ފާހަގަކުރެއްވި ގޮތުގައި، ރައީސް ނަޝީދު މި މަސައްކަތަށް ނުކުމެވަޑައިގަތުމާއެކު، އެހެން ފަރާތްތަކުގެ އަޑު ކެނޑި، މުޅި ގައުމުގެ ސަމާލުކަން ވެސް އެމަނިކފާނަށް ހުއްޓިއްޖެއެވެ.
އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންނަށް ފުރުސަތު އޮންނަ ޕާޓީއެއް ކަމަށާއި، ރައީސް ނަޝީދާއި އެމްޑީޕީއަކީ ވަކިނުކުރެވޭނެ ފަދަ ގުޅުމެއް އޮތް ޝަހުސިއްޔަތެއްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ