ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 1 ޖެނުއަރީ އިން ފެށިގެން އަމަލުކުރަން ފަށަނީ

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 1 ޖެނުއަރީ 2025 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އިޢުލާންކޮށްފިއެވެ.
މިކަން އިޢުލާންކޮށްފައިވަނީ، ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް ވަންގ ވެންޓާއޯ އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، ދިވެހި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ލިބޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ފަންނީ ދާއިރާތަކުގެ މީހުންނަށް ޗައިނާގެ މާކެޓަށް ޚިދުމަތް ދިނުމުގެ ފުރުސަތު ލިބި، އަމިއްލަ މަސައްކަތްތެރިންނަށް އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެއެވެ.
އަދި މި އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ ފައިސާ ބޭނުންކޮށްގެން ކަރަންޓް އެކައުންޓް މުއާމަލާތްތައް ކުރެވުމާއި ސީދާ އިންވެސްޓްމަންޓްތައް ހިންގުމަށް ބާރު ލިބިގެން ދިއުމާއި ދިވެހިންނަށް ދަތުރުފަތުރު ކުރުމުގަ އާއި މުދާގަތުމާއި އަދި އެހެން ބައެއް ހިދުމަތްތައް ލިބިގަތުމުގައި ޑޮލަރުން ފައިސާ ނުދައްކައި ދިވެހި ރުފިޔާއިން އެކަންކަން ކުރެވޭގޮތަށް މަގުފަހިވުން ފަދަ ފައިދާތައް ހިމެނެއެވެ.
މި އެއްބަސްވުމާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ބެލެވޭއިރު، މިހާރު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭ މިންވަރު، އެއްބަސްވުމާއެކު 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ.
މި އެއްބަސްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި، 2014 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމެކެވެ. ނަމަވެސް، އެ އެއްބަސްވުމަށް އަމަލުކުރަން މަޖިލީހުން ފާސްކުރީ 2017 ވަނަ އަހަރުއެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމަށް އައުމުގެ ފަހުން އެ އެއްބަސްވުމަށް އަމަލުނުކޮށް ދޫކޮށްލާފައިވާ ކަމަށް ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ