މޫކޭގެ ގެއިން ހޯދި ތަކެތި ކަމަށް ބުނެ މުއިއްޒުގެ ސޯޝަލް މީޑިޔާ ޓީމުން އަގު ބޮޑެތި މުދާ ހުރިކަމަށް ބުނެ ދޮގު ހަދަމުންދަނީ ފްރޭމް ކުރުމަށް؟

ސިޓީތަކާއި، އިދާރާތައް ހިންގުމުގެ ނަމުގައި އުފައްދާފައިވާ ވުޒާރާގައި، މުއިއްޒަށް ސޯޝަލް މީޑިޔާ ހިންގައި ދިނުމަށް ހުރި ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ރާޝިދު (ރާޑޯ) އިސްވެ، އިންޓަރނެޓުން ނަގާފައިވާ ފޮޓޯޓަކެއް ޖަހައި، ރައީސް އޮފީހުގެ މީޑިޔާ ޓީމުން އެ ފޮޓޯތައް ރިޓްވީޓްކޮށް، ޓްވީޓްކޮށް ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ގެންގުޅުނީ، ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރުމުގެ ބޭނުމުގައެވެ.
ހިނގަމުންދާ މައްސަލައަކާއި ގުޅުވައި، ސަރުކާރުން ބޭނުންވާ ގޮތަކަށް ނެރޭޝަން ބަދަލު ކުރުމަށް މިފަދަ ދޮގު ވާހަކަ ފެތުރުމަކީ އެކަމުގައި ކަންބޮޑުވުން އޮތް ކަމެކެވެ. ތަހުގީގް ކުރަމުންދާ މައްސަލައަކާއި ގުޅުވައި، ސަރުކާރުގެ ސިޔާސީ މުއައްޒަފުންތަކެއް ދޮގު ހެކި ތަކެއް އޮންލައިންކޮށް އުފައްދައިގެން އެކަން އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭގެ ބޮލުގައި އެޅުވުމުން، ދޭހަވަނީ ސަރުކާރަށް ގެއްލެމުންދާ ތާޢީދު ހޯދުމަށް އޮންލައިންކޮށް މިއަދު އެ ފްރޭމް ކުރި ގޮތަށް، ތަހުގީގީ މަރުހަލާގައި އެމްޑީޕީގެ ފަހުލަވާނުން ފްރޭމް ކުރުމުގެ ބިރު އޮތް ކަމެވެ.
މަގުމަތީ ހަރަކާތުގައި މޫކޭ އަކީ ޖެހިލުން ކުޑަ މީހެކެވެ. ދައްކާފައިވަނީ އެ ހަގީގަތެވެ. މި ސަރުކާރުގެ ވެރިންނަށާއި، މި ސަރުކާރަށް ތާޢީދު ކުރާ އެމްޑީޕީ އާއި ވާދަވެރި ޑިމޮކްރެޓްސްގެ ފަރާތްތައް އެންމެ ޖެހިލުންވާ އެމްޑީޕީގެ ޝަހުސިއްޔަތަކަށް މޫކޭ ވަނީ އެހެންވެއެވެ. ރާއްޖޭގެ ތިބި ވިޔަފާރިވެރިންނާއި، ޑިޕްލޮމެޓުންގެ އަރިހުގައި ޑިމޮކްރެޓްސްގެ ބައެއް ވެރިން، އެމްޑީޕީއަށް މަގުމަތީ ހަރަކާތެއް ނުހިންގޭނެ ކަމަށާއި، އެކަން ކުރެވޭ މީހުން ތިބީ ޑިމޮކްރެޓްސްގައި ކަމަށް ބުނެ އެދައްކާ ވާހަކަ ގިނިކަންޏާވެސް، ނަފީ ކުރެވޭ ވަރުގެ ޖޯޝެއް ހުރި އެކަކީ އެމްޑީޕީގެ އިސް ސަފުގައި ހުރި މޫކޭއެވެ. ދޮގު ތުހުމަތުކޮށް، އިންޓެލިޖެންސް ރިޕޯޓް ހަދައި، ދަންވަރު ގެއަށް ވަދެ ބިރު ދެއްކުމަށް އެ މަސައްކަތް ކުރަނީ އިތުރު އެހެން އެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ. ރައީސް މުއިއްޒު އާއި، ސަރުކާރަށް ތާޢީދު ކުރާ މިކަމުގެ އަޑީގައި ތިބި ފަރާތްތައް މޫކޭއާއި މެދު ޖެހިލުންވާލެއް ހަމަ ބޮޑު ކަމުންނެވެ.
ތަހުގީގީ މަރުހަލާގައި ހޯދިތަކެތިކަމަށް ބުނެ މިއަދުވެސް މި ސަރުކާރުން ފޮޓޯޖަހައި މަސައްކަތް ކުރީ ސޯޝަލް މީޑިޔާގެ މައިދާނުގައި ފްރޭމް ކުރުމަށެވެ. މާދަމާ ކުރާނީ ފުލުހުން މެދުވެރިކޮށް މިފަދަ ހެކި އުފައްދައިގެން ނޫނީ ހެކި ޕްލާންޓް ކޮށްގެންތޯއެވެ؟ ކިތަންމެ ވަރެއް ކުރިއަސް އެމްޑީޕީ އޮތީ ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. މޫކޭ ހުރީވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. ޖައްބާރުކަން އިސްކޮށް، ދޮގުހަދައި، ވައްކަންކޮށް، ފްރޭމްކޮށް، ރައްޔިތުންނަށް އަނިޔާވެރިވާ ވެރިންގެ ވެރިކަން ވެއްޓި، ނިކަމެތިވެ، ޤާނޫނު އެމީހުންނާއި އަރާ ހަމަކުރާތަން ރާއްޖޭގެ ފަހުގެ ތާރީޚުން އެހެރީ ފެންނާކަން ނޫންތޯއެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ