15 އޭޕްރީލްގެ ކުރިން ހުރިހާ ބޭހެއް ލިބޭނެ: ރައީސް

ރާއްޖޭގެ ގިނަ ބޭސް ފިހާރަތަކުން ބޭސް ނުލިބޭ މައްސަލަ ބޮޑުވެފައިވާތީ، އަންނަ އޭޕްރީލް މަހުގެ 15 އިން ފެށިގެން ހުރިހާ ބޭހެއް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހުންނަ ގިނަ ބޭސްތައް އާސަންދައިން ލިބެން ނުހުރުމާއި އާސަންދައިން ލިބެން ޖެހޭ ބައެއް ބޭސްތައް ވެސް ފާމަސީތަކުން އާސަންދަ ދަށުން ދޫނުކުރާ ކަމުގެ ޝަކުވާ މި ފަހުން ވަރަށް ބޮޑުވި އެވެ.
އެނގުން މުހިއްމު - އެކަން ބޮޑުވީ، މީގެ ކުރިން އާސަންދައިން ލިބުނު ބޭސްތައް އެ ސްކީމުގެ ދަށުން ދޫކުރާ ނަމަ ބޭސްފިހާރައަށް ގެއްލުންވާ ކަމަށް ބުނެ، ބައެއް ބޭސްފިހާރަތަކުން އާސަންދައިން އެ ބޭސްތައް ދޫކުރުން ހުއްޓާލުމުންނެވެ. އެފަދަ ހާލަތްތަކުގައި އެ ބޭސް ގަންނަން ޖެހެނީ އަތުން ހަރަދުކޮށްގެންނެވެ.
ބުނީ ކީކޭ؟ - ދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، މިރޭ މީދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ 'މެޑިކަލް މާފިޔާ'އަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 
"ބޭސް ލިބުން ދަތިވީ، ބޭހުގެ އަގު ދަށްކުރުމުން ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި ވިޔަފާރިވެރިން އެ ބޭސް އެތެރެ ކުރުން ހުއްޓާލުމުން. ރައްޔިތުންގެ ޓެކްސް ފައިސާއިން، އާސަންދައިގެ ތެރެއިން، %1000 ނުވަތަ %2000 ފައިދާ [އެ ވިޔަފާރިވެރިން] ދިޔައީ ނަގަމުން،" ރައީސް ވިދާޅުވި އެވެ.
"އެއީ ވަރަށް ބޮޑު އިސްރާފެއް."
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެސްޓީއޯ އިން ވިއްކާ އަގަށް، ބޭހުގެ އަގު ތިރިކޮށް އެކަން ހުއްޓުވުމުން ވިޔަފާރިވެރިން ބޭސް އެތެރެ ކުރުން ހުއްޓާލައި ދަތިކުރުމުގެ ފިޔަވަޅު އެޅީ އެވެ. އެކަމަކު އެކަން ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީގެ އެހީއާއެކު، އެސްޓީއޯއިން އެ ހުރިހާ ބޭހެއް އެތެރެ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި:
އަންނަ މަހުގެ 15އާ ހަމައަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އެސެންޝަލް މެޑިކަލް ލިސްޓުގައި ހުރި ހުރިހާ ބޭހެއް އެސްޓީއޯއިން ގެންނާނެ
އެހެން ހުރިހާ ބޭހެއް ވެސް، 15 އޭޕްރީލްގެ ފަހުން އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބެން ހުންނާނެ
ރައީސް މިރޭ ވެސް ވަނީ، އެއްވެސް ފަރާތަކުން ރައްޔިތުންނަށް ދަތިކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 
"ފެނިވަޑައިގަންނަވާނެ ރަށެއްގައި ކުޑަ ބޭސްފިހާރައެއް ހުޅުވާލާ މީހާ ވެސް އަހަރެއް ނުވެ ބޮޑެތި މަސްދޯނިތައް ބަންނާނެ. މިއީ ހަގީގަތް. އެކަން ހުއްޓުވާލީމަ މައްސަލަޖެހުނީ،" އެކަން ހުއްޓުވީ، ރައްޔިތުންގެ ލާބައަށް ކަމަށް ފާހަގަކޮށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި:
ބޭހުގެ އިސްރާފުން 500 މިލިޔަން ރުފިޔާ ސަލާމަތްކޮށް އެތައް މަޝްރޫއެއް ހިންގޭނެ
އެހެންވެ، މުޅި މައްސަލައަށް މިހާރު ހައްލު ގެނެވިފައިވާ ކަމަށް ވިދާޅުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ