އަލިފާން ރޯވަނީ ކަރަންޓް ޝޯޓަކުންކަމަށް ގަބޫލުކުރަން ދަތި: އެނާޖީ އޮތޯރިޓީ
އަލިފާނުގެ ހާދިސާތައް ހިނގަނީ ކަރަންޓް މައްސަލަތަކުގައިކަމަށް ގަބޫލުކުރަން ދަތިކަމަށް އެނާޖީ އޮތޯރިޓީން ބުނެފިއެވެ. ކައިރި ކައިރީގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގާއިރު އެތައް ގެއެއް އަނދައި ދިރިއުޅުމަށް ހޯދާފައިހުރި އެތައް މުދަލެއް ވަނީ އަނދާފައެވެ. އަލިފާން ރޯވާ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ކަރަންޓް ޝޯޓަކުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެނާޖީ އޮތޯރިޓީގެ ޑިރެކްޓަރު އަދި އިލެކްޓްރިކް އިންޖީނިއާ މުއާވިޔަތު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ، ސްޓެލްކޯއިން ކަރަންޓް ލައިދޭނީ އެނާޖީ އޮތޯރިޓީން ހުއްދަ ދޭ ފަރާތްތަކުން ވައިރުކުރުމުން ބަލަންޖެހޭ ވަރަށް ބަލާފައި ކަމަށާއި އެހެންވީމަ މައްސަލަތައް ދިމާވުން ވަރަށް ދުރު ކަމަށެވެ. "އަލިފާން މި ރޯނަވީ އިލެކްޓްރިކް މައްސަލައަކާ ހެދިޔޭ އެހެން ބުނަން އަޅުގަނޑަށް ތަންކޮޅެއްދަތި. ވައިރުކޮށްފައި ހުންނަން ޖެހޭނީ އެނާޖީ އޮތޯރިޓީގެ ހުއްދަ އޮންނަ ފަރާތްތަކުން. ވައިރިންނާހެދި އަލިފާން ރޯވުމަކީ ވުމަށްވުރެ ނުވުން އޭގަގާތީ،" މުއާވިޔަތު ވިދާޅުވިއެވެ. ނަމަވެސް ތްރީޕިން ޖެހުމުގަޔާއި އެކަށީގެން ނުވާވަރަށް ލޯޑް ނެގުމުގެ ސަބަބުން މައްސަލައެއް ދިމާވެދާނެ ކަމަށާއި ނަމަވެސް އެހާލަތުގައި ކަރަންޓް ޝޯޓްވުމުން ޑިސްޓިބިއުޝަން ފޮށިން ކަރަންޓް ކަނޑާލާނެ ކަމަށް މުއާވިޔަތު ވިދާޅުވިއެވެ. ރޭގައި މާލޭގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައިވެސް ތިން ގެއަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އޭގެ ތެރެއިން ތިން އާއިލާއެއް މިހާރު ތިބީ ވަގުތީ ހިޔާތަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ